އިރާނުގެ ހަތަރުވަނަ ރައީސް، އަލީ އަކްބަރު ހާޝިމީ ރަފްސަންޖާނީ އަވަހާރަވެއްޖެއެވެ.

ރަފްސަންޖާނީ މިރޭ އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން، ތެހެރާނުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އުމުރުފުޅުން 82 އަހަރުގައެވެ.

ނަވާރަސަތޭކަ އަށްޑިހަ ނުވަވަނަ އަހަރު އިރާނުގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެން، ރަފްސަންޖާނީ ވަނީ ޖެހިޖެހިގެން ދެ ދައުރު ރައީސްކަން ކުރައްވައިފައެވެ. އިރާނުގެ ރައީސްކަމަށް ވަޑައިގަންނަވަންދެން، 1980 ވަނަ އަހަރުން ފެށިގެން ރަފްސަންޖާނީ ވަނީ އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ޗެއާމަންކަން ކުރައްވައިފައެވެ.

ރަފްސަންޖާނީ 2005 ވަނަ އަހަރު އިރާނުގެ ރިޔާސީ އިންތިޚާބުގައި، މަހުމޫދު އަހްމަދީ ނިޖާދާ ވާދަކުރެއްވިއެވެ. އެހެން ނަމަވެސް އެ އިންތިޚާބުގައި ރަފްސަންޖާނީ ނާކާމިޔާބުވެވަޑައިގެންނެވިއެވެ.

ދެހާސް ތޭރަވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ރަފްސަންޖާނީ ވާދަކުރެއްވުމަށް ހުށަހެޅުއްވި ނަމަވެސް، އޭނާ އެ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ޑިސްކޮލިފައި ކުރެވުނެވެ.

ރަފްސަންޖާނީ އިރާނުގައި ވެރިކަން ކުރެއްވީ އިގްތިސާދު ކުރިޔަށް ނެރެ، އެގައުމުގެ އިގްތިސާދު ފްރީ މާކެޓު ނިޒާމަކަށް ބަދަލުކުރައްވައި، ދައުލަތުގެ އިންޑަސްޓްރީތައް ޕްރައިވަޓައިޒް ކުރެއްވުމަށް ތާއީދު ކުރައްވައިގެންނެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުގައި، ހުޅަނގުގެ ގައުމުތަކާއި އެމެރިކާއާ އަރައިރުން ނުވާނެ ފަދަ ޚާރިޖީ ސިޔާސަތުތަކެއް އޭނާގެ ވެރިކަމުގައި ގެންނެވިއެވެ.

ރަފްސަންޖާނީ ވަނީ 1980ގެ އަހަރުތަކުން ފެށިގެން، މިއަދު އަވަހާރަވުމާ ހަމައަށް ވެސް، އިރާނުގެ ސަރުކާރާއި ދައުލަތުގެ މުހިންމު މަޖިލީސްތަކުގެ މެމްބަރުކަމާއި ޗެއާމަންކަން ކުރައްވައިފައެވެ.