08 Jan 2017, 22:56
މަސްވެރިކަމާއި ގުޅޭ ތައުލީމުގެ ފުރުސަތުތައް ދިވެހި ޒުވާނުންނަށް ހޯދައިދިނުމަށްޓަކައި، ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ފަށާފައިވާ "ޔަންގް ފިޝާސް ކްލަބު" ހަރަކާތާ ދިރާގުން ގުޅިއްޖެއެވެ.
"ޔަންގް ފިޝާސް ކްލަބް" އަކީ، ފިޝަމެންސް އެސޯސިއޭޝަނުން ރާއްޖޭގެ ސްކޫލުތަކުގައި ފެށުމަށް ރާވާފައިވާ ހަރަކާތެކެވެ. ޔަންގް ފިޝާސް ކްލަބުގެ ސްޕޮންސަރިން ޕާޓްނަރެއްގެ ގޮތުގައި ދިރާގު ގުޅުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ދިރާގުގެ ޗީފް މާކެޓިން އޮފިސަރު އިޒަބެލް ހަޖްރީއާއި، މަސްވެރިންގެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޝާކިރު މުހައްމަދެވެ.
ޒުވާނުން ބާރުވެރިކޮށް، ޒުވާނުންނަށް ތަފާތު ތައުލީމީ ފުރުސަތުތައް ހޯދައިދިނުމަކީ ދިރާގުގެ ސީއެސްއާރުގެ ދަށުން ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެކެވެ. ދިރާގުން ބުނީ ޔަންގް ފިޝާސް ކްލަބުގެ ޕާޓްނަރުގެ ގޮތުގައި، ޔަންގް ފިޝާސް ކްލަބުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ޒުވާނުންނަށް މަސްވެރިކަމުގެ ދާއިރާއިން ތައުލީމީ ފުރުސަތުތައް ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށެވެ.
މީގެ އިތުރުން ޔަންގް ފިޝާސް ކްލަބުގެ ދަރިވަރުންނާއި ޓީޗަރުންނަށް ހިންގާ ހަރަކާތްތަކަށް ދިރާގުން މާލީ އަދި ފަންނީ އެހީތެރިކަމާއި، ކޮމިއުނިކޭޝަނާއި ޓެކްނޮލޮޖީއާ ގުޅޭ ހަރަކާތްތައް ހިންގުމަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ދިރާގުން ބުނެއެވެ.
މަސްވެރިންގެ ޖަމިއްޔާގެ "ޔަންގް ފިޝާސް ކްލަބު". ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި މިދިޔަ އަހަރު ވަނީ ރާއްޖޭގެ ފަސް އަތޮޅެއްގެ ފަސް ސްކޫލެއްގައި އިފްތިތާހު ކޮށްފައެވެ. އެއީ އައްޑޫ ސިޓީގެ މަރަދޫ ސްކޫލް، ގއ. އަތޮޅު ތައުލީމީ މަރުކަޒު، ދ. އަތޮޅު ތައުލީމީ މަރުކަޒު، ރ. ދުވާފަރު ސްކޫލު އަދި ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގައެވެ. ކްލަބުގެ ހަރަކާތްތައް މި އަހަރު، އަމަލީ ގޮތުން ފަށާނެއެވެ.