ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް ކުރީން ހުށަހަޅާފައިވާ ފޯމުތައް ބާތިލުކޮށް، އަލުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ މާދަމާ ހެނދުނު 8:00 އިން ފެށިގެން ފެބްރުއަރީ ހަ ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަމްޖަދު ވިދާޅުވީ ކުރިއާ ޚިލާފަށް މިފަހަރު ފޯމު ހުށަހަޅަންޖެހޭނީ ހަމައެކަނި މާލޭގެ ބާޖަމާލުއްދީންގައި ގާއިމްކޮށްފައިވާ އިންތިޚާބާ ބެހޭ މަރުކަޒަށް ކަމަށެވެ.

ނަމަވެސް އޮބްޒާވަރުންނާއި މޮނިޓަރުން ކުރިން ހުށަހަޅާފައިވާ ފޯމްތައް ބާތިލްނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ ވިދާޅުވީ ކައުންސިލް އިންތިޚާބަށް ކުރިން ކުރިމަތިލާފައިވާ ބޭފުޅުން ހުށަހެޅި ކުށުގެ ރެކޯޑު ފޯމު ފަދަ މުހިންމު ލިޔުންތައް އަލުން ފޯމު ހުށަހަޅާއިރު ބޭނުންކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އިންތިޚާބީ މަރުކަޒަށް ހާޒިރުވުމުން އެކަން ހަމަޖެހިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެފައިވާ ބޭފުޅުންނަށް އެއްވެސް ހައިސިއްޔަތަކުން މި އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު ވިދާޅުވިއެވެ.

އެގޮތަށް ހަމަޖައްސާފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާ ގުޅިގެންނެވެ. އެ އިސްލާހުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު ސައުދު ހުސައިނެވެ.

ކުރިން ޖެނުއަރީ 14 ވަނަ ދުވަހު ބާއްވަން އިއުލާން ކުރި އިންތިޚާބު ފަސްކުރަން ޖެހުނީ ދެ މަހަށް އިންތިޚާބު ފަސްކުރަން ސިވިލް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

ޕީޕީއެމް އިން ހުށަހެޅި މައްސަލައަކާ ގުޅިގެން އިއްވި އެ ހުކުމްގައި ވަނީ ޖެނުއަރީ 14 ގައި އިންތިޚާބު ބާއްވަން ޕީޕީއެމް އަށް ތައްޔާރުވެވިފައިނުވާ ކަމަށާއި އިންތިޚާބު ލަސްވުމުން އިލެކްޝަންސް ކޮމިޝަނަށް ލިބޭ ގެއްލުމަށްވުރެ އިންތިޚާބު ލަސް ނުކުރުމުން ޕީޕީއެމް އަށް ލިބޭ ގެއްލުން މާބޮޑު ކަމަށެވެ.