ގުދުސްގައި ދުއްވާފައި ދިޔަ ލޮރީއަކުން އިސްރާއީލު ސިފައިންގެ ބައެއްގެ ގައިގައި ޖެހި އޭގެ ތެރެއިން ހަތަރު މީހަކު މަރުވެއްޖެއެވެ.

އިސްރާއީލުން ކޮންޓްރޯލް ކުރަމުންދާ ގުދުސްގައި މިއަދު ހިނގީ އެކްސިޑެންޓެއް ކަމެއް، ނުވަތަ ގަސްތުގައި ދިން ހަމަލާއެއް ކަމެއް ކަށަވަރެއް ނޫނެވެ. އެހެން ނަމަވެސް، އިސްރާއީލުގެ ފުލުހުން ބުނަނީ، މިއީ ފަލަސްތީނުގެ ބަޔަކު ގަސްތުގައި ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.

މަންޒަރު ދުށް މީހަކު އިސްރާއީލްގެ މީޑިއާއަކަށް މައުލޫމާތު ދެމުން ބުނީ، ގުދުސްގެ ޤަދީމީ ޝަހަރު ކައިރީ ސަރަހައްދެއްގައި ހިނގާފައި ދިޔަ ސިފައިންގެ ބައެއްގެ ގައިގައި، ބާރު ސްޕީޑުގައި އައި ލޮރީއެއް ޖައްސައި، އެއިން ބައެއް މީހުންގެ ގައި މައްޗަށް ވެހިކަލް އަރައި، އަދި ވެހިކަލް ރިވާސްވެސް ކުރި ކަމަށެވެ.

މި ހާދިސާގައި، އިސްރާއީލް ސިފައިންގެ ތިން އަންހެނަކާއި ފިރިހެނަކު މަރުވި އިރު، 13 މީހަކަށް އެކި ކަހަލަ އަނިޔާތައް ލިބިފައިވެއެވެ.

އެ ގްރޫޕުގައި ތިބި، އަނިޔާއެއް ނުލިބި ސަލާމަތްވި ސިފައިން ވަނީ، ލޮރީ ޑްރައިވަރުގެ ގަޔަށް ބަޑި ޖަހައި، އޭނާ ވަގުތުން މަރާލައިފައެވެ.

އިސްރާއީލްގެ ފުލުހުންގެ ޗީފް، ރޯނީ އަލްޝައިކް ވިދާޅުވީ، ލޮރީ ދުއްވަން އިން މީހާއަކީ އިރުމަތީ ގުދުސްގައި އަރަބީން ދިރިއުޅޭ އަވަށަކަށް ނިސްބަތްވާ އަރަބި މީހެއް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން، ފަލަސްތީނުގެ ހަމާސް ޖަމާއަތުން ވަނީ، ލޮރީ ޑްރައިވަރަށް ތައުރީފުގެ ބަސްތައް ރައްދުކޮށްފައެވެ. އަދި އެއީ ހިތްވަރުގަދަ އަމަލެއް ކަމަށާއި، އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމަށް ފަލަސްތީނުގެ އެހެން ރައްޔިތުންނަށް އެ ހާދިސާގެ ސަބަބުން ހިތްވަރު ލިބިއްޖެ ކަމަށް ހަމާސް ޖަމާޢަތުން ބުންޏެވެ.