08 Jan 2017, 15:20
މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ ހާއްސަ މެހެމާނެއްގެ ގޮތުން މެންޗަސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ޑްވައިޓް ޔޯކް ރާއްޖެ ގެނަން ނިންމައިފި އެވެ.
އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅަ ހަބަރު ގެނެސްދޭ އޮންލައިން ވެބްސައިޓް މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމް އާއި ގުޅިގެން މިފަހަރު އަލަށް ދޭން ތައްޔާރުުވެފައިވާ މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓް އޮންނާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ހަވާލާދީ މޯލްޑިވްސް ފުޓްބޯލްއިން ރިޕޯޓް ކުރީ އެވޯޑް ނައިޓްގައި ހައި ޕްރޮފައިލް ކުޅުންތެރިއަކު ބައިވެރިވުމަކީ އެ ހަފްލާއަށް ލިބިގެންދާނެ އިތުރު ފުރިހަމަކަމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ މަޝްހޫރު މޫނުތައް އެވޯޑް ނައިޓުން ފެނިގެންދާނެކަމަށެވެ.
ޓްރިނިޑާޑް އެންޑް ޓޮބޭގޯ ގައުމީ ޓީމަށް 74 މެޗު ކުޅެދީފައީވާ ޔޯކް ވަނީ ޔުނައިޓެޑްގެ އިތުރުން އެސްޓަން ވިލާ އާއި ބްލެކްބާން ރޯވާޒް އާއި ބާމިންހަމް ސިޓީ އާއި ސަންޑަލޭންޑްގެ އިތުރުން އޮސްޓްރޭލިއާގެ ސިޑްނީ އެފްސީ އަށް ވެސް ކުޅެފަ އެވެ. ޔޯކް އެންމެ ބޮޑަށް ފާހަގަ ވެގެންދިޔައީ 1998-2002 އަށް ޔުނައިޓެޑަށް ކުޅުނު ދުވަސްވަރެވެ. އޭނާ ވަނީ ޔުނައިޓެޑްގައި 1999-1998 ވަނަ ސީޒަނުގެ ޕްރިމިއާ ލީގެ މޮޅު ކުޅުންތެރިޔާގެ މާގާމް ހޯދައި އެ ޓީމަށް ކުޅެދިން 147 މެޗުގައި 65 ގޯލު ކާމިޔާބްކޮށްދީފަ އެވެ.
އެލެކްސް ފާގަސަންގެ އިރުޝާދުގެ ދަށުން ޔޯކް ވަނީ އިނގިރޭސި ޕްރިމިއާ ލީގު ތިން ފަހަރު އަދި ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.
މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެއި މިއަހަރު ދިންމަށް ނިންމާފައި ވަނީ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ މޮޅު ކޯޗުގެ އިތުރުން އެންމެ އުއްމީދީ ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.
މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަ ކުރަނީ މާޒިޔާގެ އަސަދުﷲ އަބްދުﷲ އާއި ޓީސީ ސްޕޯޓްސް ކްލަބުގެ އަލީ ފާސިރު (ސެންޓޭ) އަދި ކްލަބް އީގަލްސްގެ އިމްރާން ނަޝީދެވެ. އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަ ކުރަނީ މާޒިޔާގެ އަލީ ސުޒޭނާއި ޓީސީގެ މުހައްމަދު ނިޒާމް އަދި އީގަލްސްގެ އިހުސާން އަބްދުލްގަނީ (ސާންތީ) އެވެ.