21 Jun 2011, 17:03
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހެޅުއްވި ބިލަކީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމާ ޒާތީ ގޮތުން ދިމާކުރުމަށް ހުށަހެޅުއްވި ބިލެއް ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލްގެ ބަހުސްގެ މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވީ އެ ބިލަކީ "ސިޔާސީ ގޮތުން ކުޅެވޭ ބޮޑު ކުޅިގަނޑެއް" ކަމަށެވެ. އަދި އެ ބިލް ސަބަބުން ފިތުނަފަސާދަ އަށް މަގުފަހިވެފައިވާ ކަމަށާއި އެބިލުގެ ބޭނުމަކީ ޒާތީ ގޮތުން ރައީސް މައުމޫނަށް ދީމާ ކުރުން ކަމަށް ގާސިމް ވިދާޅުވި އެވެ.
"މިއީ ހަގީގަތް އޮޅުވާލައި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށްޓަކައި ސިޔާސީ ގޮތުން ކުޅެވޭ ބޮޑު ކުޅިގަނޑެއް. މިބާވަތުގެ ކަންތަތައް ކުރުމުގައި ސާބިތުކަމާ އެކު ވިސްނާލަން ޖެހޭނެ. އެއީ ތާކުންތާކުން ނުޖެހޭ ބިލެއް،" ގާސިމް ވިދާޅުވި އެވެ.
މުސްތަފާ ހުށަހެޅުއްވި ބިލުގައިވާ ގޮތުން ރިޔާސީ އެއް ދައުރު ފުރިހަމަކުރިޔަސް އަދި ދެ ދައުރު ފުރިހަމަކޮށްފައިވާ ބޭފުޅަކަށް ވިއަސް އިނާޔަތުގެ ގޮތުގައި ލިބޭނީ 30000ރ. އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ ރިޔާސީ އެއް ދައުރު ފުރިހަމަކޮށްފައިވާ މީހަކަށް މާލީ އިނާޔަތުގެ ގޮތުގައި 50000ރ. ރިބޭ އިރު، ދެ ދައުރުގެ ރިޔާސީ ދައުރެއް އަދާކުރެއްވި ބޭފުޅަކަށް ލިބިވަޑައިގަންނަވާނީ 750000ރ. އެވެ.
މުސްތަފާ ބިލް ހުށަހަޅުއްވަމުން ވިދާޅުވެފައި ވަނީ އެ ގޮތަށް އިސްލާހު ހުށަހެޅުއްވީ ރާއްޖޭގެ މިހާރުގެ ހާލަތަށް ބައްލަވާފައި ކަމަށެވެ. ނަމަވެސް ބައެއް އިދިކޮޅު މެންބަރުން ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތަށް ބައްލަވައި ރައީސްކަން އަދާކޮށްފައިވާ މީހަކަށްދޭ އިނާޔަތްތައް ކުޑަ ކުރުމަށް އިސްލާހު ހުށަހެޅުމުން އެ ކަމަށް ތާއިދު ކުރައްވާ ކަމަށާއި ނަމަވެސް ޒާތީ ގޮތުން ރައީސް މައުމޫނާ ދިމާކުރުމަށްޓަކައި ބައެއް މާއްދާތައް އެ ބިލުގައި ހިމަނާފައިވާތީ އެ ބިލައް ތާއިދު ކުރެވެން ނެތް ކަމަށެވެ.
މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވީ ރައީސްކަންކޮށްފައިވާ ބޭފުޅަކަށް 65 އަހަރުވެއްޖެ ނަމަ އެބޭފުޅަކު މުޖުތަމައުކަށް ފައިދާހުރި އިޖުތިމާއީ މަސައްކަތްތައް ކުރުމަށްޓަކައި އޮފީހަކާއި މުވައްޒަފުންނާއި ފައިސާ ހަމަނުޖެއްސޭ ގޮތަކަށް ބިލުގައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ މާއްދާ އެ ގޮތަށް ބައްޓަންކޮށްފައި އޮތުމުން އެ ބިލަކީ އަމިއްލަ ވަކި މަގުސަދެއްގައި މުސްތަފާ ހުށަހަޅުއްވާފައިވާ ބިލެއް ކަން އިނގޭ ކަމަށެވެ.
މުސްތަފާ ހުށަހެޅުއްވި ބިލުގެ (8) މާއްދާގެ )ށ( ބުނެފައި ވަނީ 65 އަހަރު ނުވާ ނަމަ މުޖުތަމައުމަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތްތައް ކުރުމަށްޓަކައި އޮފީހެއް ހެދުމަށް 500 އަކަފޫޓަށް ވުރެ ކުޑަނޫން ތަނެއް ދައުލަތުން ހަމަޖައްސާއިދޭން ވާނެ ކަމަށެވެ. އަދި އޮފީހުގައި މަސައްކަތް ކުރާނެ ދެ މުވައްޒަފަކާއި މަސައްކަތު މީހަކާއި އެ މީހުންގެ މުސާރަ އާއި ހިންގުމުގެ ހަރަދުތަކަށް ކޮންމެ މަހަކު 35،000ރ. ދައުލަތުން ހަމަޖައްސާއިދޭންވާނެ ކަމަށެވެ. އަދި 70 އަހަރުވެއްޖެ ނަމަ މުޖުތަމައުއަށް ހިދުމަތްކުރުމުގެ ނަމުގައި ބުރަ އެއްވެސް މައްސޫލިއްޔަތެއް އެ މީހަކާ ހަވާލުކޮށްގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ނަމަވެސް ރައީސްކަންކޮށްފައިވާ މީހަށް ދޭ އިނާޔަތާއި ރައްކާތެރިކަމާ ބެހޭ ގާނޫނުގެ )8( މާއްދާގައި ބުނެފައި ވަނީ އޮފީހުގެ ހަރަދުގެ ގޮތުގައި 175000ރ. ދައުލަތުން ހަމަޖައްސައިދޭން ވާނެ ކަމަށެވެ.
މުސްތަފާ ހުށަހެޅުއްވި ބިލުގައި އިތުރަށް ބުނެފައި ވަނީ ރައީސްކަންކޮށްފައިވާ މީހަކު ދިރިއުޅޭ ތަނަކަށް ހިނގާ ހަރަދުތައް ހަމަޖެއްސުމަށް ޓަކައި ކޮންމެ މަހަކު 30000ރ. ދައުލަތުން ދޭންވޭނެ ކަމަށެވެ. ނަމަވެސް ގާނޫނުގައި ބުނެފައި ވަނީ ރައީސްކަންކޮށްފައިވާ މީހަކު ދިރިއުޅޭ ތަނަކަށް ހިނގާ އެންމެހައި ހަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 50،000ރ. ދޭން ވާނެ ކަމަށެވެ.