ވޮޝިންޓަން (ޖެނުއަރީ 8): އެމެރިކާ އިން ރަޝިއާއާ ރަނގަޅު ގުޅުމެއް ބޭއްވުމަށް ދެކޮޅު ހަދާނީ "ނުވިސްނޭ މޮޔައިން" ކަމަށް، މި މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރައްވާނެ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް އިއްޔެ ކުރެއްވި ޓުވީޓުތަކެއްގައި އޭނާ ވަނީ ރަޝިއާއާ އެކު ރަނގަޅު ގުޅުމެއް ބޭއްވުމަކީ ގޯސްކަމެއް ނޫން ކަމަށާއި އެއީ ގޯސްކަމެއް ކަމަށް ދެކޭނީ "ނުވިސްނޭ މީހުން ނުވަތަ މޮޔައިން" ކަމަށް ވިދާޅުވެފަ އެވެ.

އަދި ޓްރަމްޕްގެ ވެރިކަމުގައި ރަޝިއާ އިން އެމެރިކާ އަށް ކުރާ އިހުތިރާމު އިތުރުވާނެ ކަމަށާއި ދުނިޔޭގެ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ދެ ގައުމުން އެކުގައި މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް އެ ޓުވީޓުތައް ކުރެއްވީ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ރަޝިޔާ އިން ބޮޑެތި މަސައްކަތްތަކެއް ކުރި ކަމަށާއި އެކަން ކުރީ އެ ގައުމުގެ ރައީސް ވްލަޑިމިޔާ ޕޫޓިންގެ އަމުރަށް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނިކޮށެވެ.

އަދި ޓްރަމްޕް އެމެރިކާގެ ވެރިކަމަށް ގެނައުމަކީ ޕޫޓިންގެ އަމާޒެއް ކަމަށާއި ރަޝިޔާގެ މި ހަރަކާތްތަކުގެ ސަބަބުން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ޓްރަމްޕަށް ބޮޑުވެގެން ދިޔަ ކަމަށް ވެސް އެރިޕޯޓުގައިވެ އެވެ. ނަމަވެސް ޓްރަމްޕް ވަނީ ރަޝިޔާގެ ސަބަބުން އެމެރިކާގެ ރިޔާސީ އިންތިޚާބަށް އަސަރުކުރި ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޑިމޮކްރަޓިކް ޕާޓީގެ ސާވާތައް ހެކް ކުރެވުނީ އެ ޕާޓީގެ ފަރުވާ ކުޑަ ކަމުން ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ ރިޕޯޓާ ގުޅިގެން ރަޝިއާ އިން ކޮމެންޓުކޮށްފައި ނުވެ އެވެ. ނަމަވެސް މީގެ ކުރިން އެގައުމުން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. (ބީބީސީ)