އަލް ގުދުސް (ޖެނުއަރީ 8): ސީރިއާ އާއި ތުރުކީ ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ އަޒާޒްއަށް ބޮމުގެ ހަމަލާއެއްދީ 48 މީހަކު މަރާލައިފި އެވެ.

ސީރިއާގެ އިދިކޮޅު ފަރާތްތަކުން ހިފާފައިވާ އަޒާޒްގެ ކޯޓެއް ކައިރީ ހުންނަ މާރުކޭޓަކަށް ބަޔަކު ހަމަލާ ދީފައި ވަނީ ގޮވާތަކެތި ހަރުކޮށްފައިވާ ޓޭންކަރެއް ގޮއްވާލައިގެންނެވެ.

ސީރިއާ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި އެ ހަމަލާގައި ސަރުކާރާ ދެކޮޅު 14 ހަނގުރާމަވެރިން މަރުވި ނަމަވެސް، މަރުވި މީހުންގެ ތެރޭގައި ގިނައީ އާއްމުންނެވެ. އޭގެ ތެރޭގައި އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ފަސް ފަނޑިޔާރުން ވެސް ހިމެނޭ ކަމަށް އޮބްޒަވޭޓަރީން ބުންޏެވެ.

ސީރިއާގެ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ހަމަލާގެ ފަހަތުގައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އެވެ. ނަމަވެސް އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައެއް ނުވެ އެވެ.

އިއްޔެ އެ ހަމަލާ ދީފައި ވަނީ ތުރުކީ އާއި ރަޝިއާ އިން އިސްނަގައިގެން، ސީރިއާ ހަނގުރާމަ ހުއްޓާލުމަށް އެގައުމުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު އެއްބަސްވުމެއް ހެދިތާ ދެހަފްތާ ވާން ގާތްވެފައި ވަނިކޮށެވެ. އަދި މި މަހުގެ ފަހުކޮޅު ކަޒަކިސްތާނުގެ ވެރިރަށް އާސްތާނާގައި ސުލްހައިގެ ވާހަކަތައް ބޭއްވުމަށް ރަޝިއާ އާއި ތުރުކީން މަސައްކަތް ކުރަމުންދަނިކޮށެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް ހެދި އެއްބަސްވުމާ ސަރުކާރުން ހިލާފުވެފައިވާ ކަމަށާއި އެހެންކަމުން ސުލްހައިގެ ވާހަކަތަކުގައި ބައިވެރިނުވާނެ ކަމަށް ބުނެފަ އެވެ.

ދެހާސްއެގާރަ ވަނަ އަހަރު ސީރިއާ ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރަތަކާ އެކު ފެށުނު ހަނގުރާމާގައި އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 310،000ށް ވުރެ އިތުރުވެފަ އެވެ. (އޭއެފްޕީ)