21 Jun 2011, 16:55
މާލޭގައި ކާބޯތަކެތި އުފައްދާ ތަންތަނުގެ ސާފުތާހިރުކަން ބެލުމުގެ ގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްއެމްޑީއޭ) އިން މާލޭގައި މިހާރު ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ދަށުން ޖުވޭޒް ޕާޓީ އެންޑް ކޭޓަރިން އާއި ތަންދޫރު މިއަދު ބަންދުކުރަން އަންގައިފި އެވެ.
އެމްއެފްޑީއޭ އިން ބުނި ގޮތުގައި އެއޮތޯރިޓީން މިއަދު ބަންދު ކުރި ދެ ތަނަކީ ވެސް އެއޮތޯރިޓީން ކަނޑައަޅާފައިވާ ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތުމުގެ ސަބަބުން ބަންދުކޮށްފައިވާ ދެތަން ކަމަށެވެ. ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި ތަންދޫރު އެއޮތޯރިޓީން ބަންދުކުރި ނަމަވެސް އެތަނުން ގެންދަނީ ހިދުމަތް ދެމުންނެވެ.
އެއޮތޯރިޓީން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ދަށުން މިހާތަނަށް މާލޭގެ 203 ތަނެއް ބާލާފާސްކޮށްފައިވާ އިރު އޭގެތެރެއިން 19 ތަނެއް ވަނީ ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ބަންދުކޮށްފަ އެވެ. ބަންދުކުރި ތަންތަނުގެ ތެރެއިން 10 ތަނެއް އަލުން ހުޅުވުމުގެ ހުއްދަ އެއޮތޯރިޓީން ވަނީ ދީފަ އެވެ.
ފުޑް އެންޑް ޑްރަގް އެތޯރިޓީން ބަންދުކުރި މާލޭގެ މަޝްހޫރު ބައެއް ހޯޓާ ރެސްޓޯރަންޓްތައް އެއޮތޯރިޓީން ބަންދުކޮށްފައި ވަނީ ސާފުތާހިރުކަން ކުޑަވުމުގެ އިތުރުން އެތަންތަނުގެ ތެރެއިން ބަކައްޓާއި ބުޅަލާއި މީދަލާއި ކުރަފި ފަދަ އެއްޗެހި ވެސް ފެނިގެންނެވެ. ނަމަވެސް ބައެއް ފިޔަފާރިވެރިންގެ ޕްރެޝަރާ ހެދި މިހާރު ބަންދުކުރަމުން ގެންދާ ތަންތަން ބަންދުކުރަން ޖެހޭ ސަބަބު ބަޔާން ނުކުރާ ގޮތަށް އެއޮތޯރިޓީން ވަނީ ހަމަޖައްސާފަ އެވެ.