10 May 2010, 14:51
19:00
ރަޝިޔާގެ ކޯލް މައިނެއް ދެފަހަރެއްގެ މަތިން ގޮވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 31 އަށް އަރައިފި އެވެ.
ރަޝިޔާގެ އިމަޖެންސީ މިނިސްޓަރު ސަރްގޭ ޝޮއިގޫ ވިދާޅުވީ ރޭ ފެނިފައިވަނީ ފުރަތަމަ ގޮވުމާ ގުޅިގެން މައިން ތެރޭ ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި އެމައިންތެރެއަށް ފޭބި މީހުން ތެރޭން 17 މީހެއްގެ ހަށިތައް ކަމަށެވެ. އަދި މައިން ތެރޭގައި އަދިވެސް 60 ވަރަކަށް މީހުން ތާށިވެފައި ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝޮއިގޫ އިތުރަށް ވިދާޅުވީ މައިންތެރޭގައި އުފެދިފައިވާ މީތޭން ގޭހުގެ ސަބަބުން ތިންވަނަ ފަހަރަށް ވެސް އެމައިން ގޮވާފާނެ ކަމުގެ ބިރުވެރިކަން އޮތުމުން، ތާށިވެފައިވާ މީހުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅިފައިވާ ކަމަށެވެ. ނަމަވެސް އެމީހުން ސަލާމަތްކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި މައިން ފުރަތަމަ ފަހަރަށް ގޮވާފައިވަނީ ހޮނިހިރު ދުވަހުގެ ރެ އެވެ. އަދި ދެވަނަ ގޮވުން ހިނގާފައިވަނީ ފުރަތަމަ ގޮވުމުގެ ސަބަބުން މައިންތެރޭ ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށް އެމައިންތެރެއަށް ބަޔަކު ފޭބިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.