08 Jan 2017, 11:12
މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލްގެ ޖާގައިގެ ދަތިކަން ބޮޑުވެ، ފަޅުތެރެ ތޮއްޖެހުމުން، މަސްވެރިން ޕާކުގެ ބޭރު ތޮއްޓަށް ހުޅުމާލެ ފެރީ ކައިރި ކުރަން ފަށައިފި އެވެ.
މިއަދު ހެނދުނު 7:30ގައި ހުޅުމާލެއިން މީހުން ގޮވައިގެން މާލެ އައި ޑަބަލްޑެކް ފެރީ ވަނީ މާލޭގެ އުތުރުފަރާތު މަސްވެރިން ޕާކުގެ ބޭރު ތޮއްޓަށް ކައިރިކޮށް މީހުން ބާލާފަ އެވެ.
އެމްޓީސީސީ ހުޅުމާލޭ ފެރީ އޮޕަރޭޝަން މެނޭޖަރު މުހައްމަދު ނާޒިމް "ސަން"އަށް މިއަދު ވިދާޅުވީ، އެހެން އެކަން ދިމާވަނީ އެންމެ ގިނަ މީހުން ދަތުރު ކުރާ ގަޑީގައި ބަނދަރުގެ ދަތިކަން އިންތިހާއަށް ބޮޑުވުމުން ކަމަށެވެ.
އެތައް ހާސް ބަޔަކު ދިރިއުޅޭ ހުޅުމާލެއިން އޮފީސްތަކަށާއި އެކި ބޭނުންތަކަށް މީހުން އަންނަ ގަޑިތަކުގައި ފެރީގެ ދަތިކަން އިންތިހާއަށް ދިމާވެ އެވެ. އެމްޓީސީސީން ބުނަނީ ގިނައިން ދަތުރުތައް ނުބޭއްވެނީ ފަޅުގެ ދަތިކަމުން ކަމަށެވެ.
ހުޅުމާލެ އާއި މާލެއާ ދޭތެރޭ ދަތުރުކުރާ ފެރީތަކާއި ހުޅުލެއަށް ދަތުރުކުރާ ފެރީތަކުން ބޭނުން ކުރާ މާލޭ ފަޅުގެ ބާރު ބޮޑުވެ ތަފާތުއެކްސިޑެންޓުތައް ވެސްހިނގައެވެ.
ހުޅުމާލެ އާއި ހުޅުލެއަށް ދަތުރުކުރާ އެތައް ފެރީއެއް ދަތުރުކުރާ އެ ފަޅު އިތުރަށް ބޮޑުކޮށް އެކަމަށް ހައްލެއް ގެނައުމުގެ ވާހަކަ ދައްކާތާ އެތައް ދުވަހެއް މިވަނީ ވެފަ އެވެ.