އައްޑޫ ސިޓީ ހިތަދޫގައި މިރޭ ހިނގި އެކްސިޑެންޓުގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު އުމުރުން 46 އަހަރުގެ މީހާ މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގެ ޑިރެކްޓަރު ޝާހު ސައީދު މިރޭ ސަން އަށް ވިދާޅުވީ އެމީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި މިހާރު ފަރުވާ ދެމުން ދަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް މާލެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެ އެކްސިޑެންޓުގައި ޒަޚަމްވި ތިން މީހަކަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، އެއީ ހިތަދޫ އަށް ނިސްބަތްވާ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 46 އަހަރުގެ ފިރިހެނަކާއި އަދި މަރަދޫ އަށް ނިސްބަތްވާ 66 އަހަރުގެ ފިރިހެނެއް ކަމަށް ޝާހު ވިދާޅުވިއެވެ.

އެ ތިން މީހުންގެ ތެރެއިން ސީރިއަސް ހާލަތުގައި އޮތީ 46 އަހަރުގެ މީހާ ކަމަށާއި އޭނާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، ނޭފަތާއި އަނގައިން ލޭ ފޭބުމުގެ އިތުރުން އެހެނިހެން ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.