21 Jun 2011, 15:57
ދުނިޔޭގެ ފުޓްބޯޅަ އާއި ބެހޭ މައި އިދާރާ (ފީފާ)ގެ ނައިބް ރައީސްކަމުގައި ހުއްޓާ ސަސްޕެންޑްކޮށްފައިވާ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ޖެކް ވާނާ އެ މަޤާމުން އިސްތިއުފާ ދެއްވައިިފި އެވެ.
ފީފާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކޮރަޕްޝަނުގެ ތުހުމަތުގައި ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފައި ހުރި ފީފާގެ ނައިބު ރައީސް ޖެކް ވާނާ އަދާކުރަމުންދިޔަ ހުރިހާ މަގާމަކުން މިހާރު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ގާތްގަޑަކަށް ވޭތިވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ޖެކް ވަނީ ނައިބު ރައީސް ކަމުގެ މަޤާމުގައި ހުންނަވައިގެން ފީފާ ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައި ކަމަށް ވެސް ފީފާގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެ މަޤާމުން ޖެކް އިސްތިއުފާ ދެއްވުމުން ފީފާއިން ބަލަމުންއާ ގިނަ މައްސަލަތައް މިވަގުތައް ހުއްޓިފައި ވީނަމަވެސް، އެކަމަށް އަވަސް ހައްލެއް ފީފާ އިން ހޯދާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
" ޖެކް ކޮށްދިން މަސައްކަތްތަކުގެ އަގު ފީފާއިން ޤަބޫލް ކުރަން. ނައިބު ރައީސްގެ މަޤާމުގައި އޭނާ ކޮށްދެއްވީ އަގު ހުރި ބޮޑެތި މަސައްކަތްތަކެއް"ފީފާގެ ބަޔާނުގައި ވެއެވެ.