07 Jan 2017, 21:38
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ގޮވައިގެން ކާމިޔާބު ހޯދޭނެ ކަމަށް އެ ކްލަބާ އަލަށް ހަވާލުވި މެސެޑޯނިއާގެ ކޯޗު މަރްޔަން ސެކުލޮވްސްކީ ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު ސެކުލޮވްސްކީ ބުނީ، މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަނުންނަށް މާޒިޔާ ވުމަކީ ލިބޭނެ ހިތްވަރެއް ކަމަށެވެ. މިއަހަރު މާޒިޔާގެ ޓާގެޓަކީ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމެވެ.
"އެއީ އަހަރެމެންނަށް ލިބޭނެ ހިތްވަރެއް. ޗެމްޕިއަނުންނަށް ވުމުން ޕްރެޝަރެއް ނެތް. އަހަރެން ދެކޭނީ އެއީ މާޒީ ކަމުގައި. އަހަރެންނަށް މާޒިޔާ ގޮވައިގެން ކާމިޔާބު ހޯދޭނެ. ނިއު ރޭޑިއަންޓާއި މާޒިޔާގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ. އަހަރެންނަށް މި ދެޓީމު ވަރަށް ރަނގަޅަށް އެނގޭ. ކުރިން އޭއެފްސީ ކަޕްގައި އިދިކޮޅު ޓީމުތައް ގޮވައިގެން އަހަރެން ރާއްޖެ އައިސްފައިވާނެ،" އޭނާ ބުންޏެވެ.
ސެކުލޮވްސްކީ ބުނީ، މާޒިޔާއަކީ ހުރިހާ މުބާރާތެއް ކުޅޭ ކްލަބަކަށް ވުމުން އެއީ ވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި މާޒިޔާގެ އަމާޒަކީ މެޗަކަށްފަހު މެޗަކަށް ނުކުމެ ކުރިއަށް ދިއުން ކަމަށެވެ.

މާޒިޔާއާ އަލަށް ހަވާލުވި ކޯޗު މެސެޑޯނިއާގެ މަރްޔަން ސެކުލޮވްސްކީ: އޭނާ ވަނީ މިޔަންމާގެ އަޔެޔަވަދީ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައި ---
"އޭއެފްސީ ކަޕްގައި މާޒިޔާ އަށް ރަނގަޅު ނަތީޖާތަކެއް ނެރެދޭން އަހަރެން ހާއްސަ ސަމާލުކަމެއް ދޭނަން. މިފަހަރު އޭއެފްސީ ކަޕްގެ ފޯމެޓަށް މިވަނީ ބަދަލުތަކެއް އައިސްފައި. އެ ބަދަލުތަކުގެ ސަބަބުން ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެ. އޭއެފްސީ ކަޕްގެ ދެވަނަ ބުރާ ހަމައަށް މާޒިޔާ ގެންގޮސްދިނުމަށް އަހަރެން ވަރަށް މަސައްކަތް ކުރާނަން،" އޭނާ ބުންޏެވެ.
ސެކުލޮވްސްކީ އަކީ މިޔަންމާގެ ކަލްބުތަކަކަށް ކާމިޔާބު ހޯދައިދިން ކޯޗެކެވެ. އޭނާ ވަނީ މިޔަންމާގެ އަޔެޔަވަދީ އަދި ޔަންގޮން ޔުނައިޓެޑަށް ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. މިޔަންމާގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗަކީ ވެސް ސެކުލޮވްސްކީ އެވެ.
ސެކުލޮވްސްކީ ވަނީ ދެ ފަހަރެއްގެ މަތިން އަޔެޔަވަދީ އަށް އިރުޝާދުދީފަ އެވެ. އެ ކްލަބާ ދެ ފަހަރެއްގެ މަތިން ހަވާލުވެ، އޭނާ ވަނީ އަޔެޔަވަދީ އަށް ވިދިވިދިގެން ތިން ސީޒަންގައި މިޔަންމާ ކަޕްގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. މިދިޔަ އަހަރު ޔަންގޮން ޔުނައިޓެޑާ ހަވާލުވެ، އޭނާ ވަނީ އެ ކްލަބަށް މިޔަންމާ ނެޝަނަލް ލީގު އަދި މިޔަންމާ ނެޝަނަލް ކަޕްގެ ރަނަރަޕްކަން ހޯދައިދީފަ އެވެ.
އުމުރުން 43 އަހަރުގެ ސެކުލޮވްސްކީ މާޒިޔާއާ ހަވާލުވެފައިވާ އިރު، އެ ކްލަބުގެ ކޯޗުކަމުގެ މަގާމުގައި އެންމެ ފަހުން ހުރީ އަލީ ސުޒޭން އެވެ. މާޒިޔާއާ 2014 ވަނަ އަހަރުގެ ސީޒަނުގެ ކުރީކޮޅު ހަވާލުވި ސުޒޭން އިސްތިއުފާ ދީފައި ވަނީ މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބު އަތުން ބަލިވި މެޗަށްފަހު އެވެ.