އައްޑޫ ސިޓީގެ ހިތަދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި ތިން މީހުންގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގެ ޑިރެކްޓަރު ޝާހު ސައީދު ސަން އަށް ވިދާޅުވީ އެ އެކްސިޑެންޓު ހިނގާފައި ވަނީ މިރޭ ހިތަދޫ ބޮޑުމަގުގައި އެރަށުގެ މަޝްހޫރު ފޭލި ފިހާރަ ހުންނަ ސަރަހައްދުގައި ކަމަށެވެ.

އެ އެކްސިޑެންޓުގައި ޒަޚަމްވި ތިން މީހަކަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، އެއީ ހިތަދޫ އަށް ނިސްބަތްވާ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 46 އަހަރުގެ ފިރިހެނަކާއި އަދި މަރަދޫ އަށް ނިސްބަތްވާ 66 އަހަރުގެ ފިރިހެނެއް ކަމަށް ޝާހު ވިދާޅުވިއެވެ.

އެ ތިން މީހުންގެ ތެރެއިން ސީރިއަސް ހާލަތުގައި އޮތީ 46 އަހަރުގެ މީހާ ކަމަށާއި އޭނާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، ނޭފަތާއި އަނގައިން ލޭ ފޭބުމުގެ އިތުރުން އެހެނިހެން ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 6:21 ހާއިރު ކަމަށެވެ.