މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ހޯދުނު ކާމިޔާބަށް ބަލާއިރު ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެނައުމަށް ކުރި ހޭދަ އެންމެ ރަނގަޅު ނޫން ކަމަށް އެ ކްލަބުގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްހާބު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވައްހާބު އެހެން ވިދާޅުވެފައިވާ އިރު، ދަގަނޑޭ އެ ކްލަބުގައި މަޑުނުކޮށް މިއަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ގުޅުމުގެ ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ. މިދިޔަ އަހަރުގެ ޖޫން މަހު ތެރޭގައި މާޒިޔާއާ ދަގަނޑޭ ގުޅުނީ ރެކޯޑް އަގަކަށެވެ.

"އަޝްފާގަށް ކުރި އިންވެސްޓްމަންޓަކީ ތިން މުބާރާތަށް ޓާގެޓްކޮށްގެން ކުރެވުނު އިންވެސްޓްމަންޓެއް. ލީގު އެކަނި ހޯދުނީ. ދެ މުބާރާތުގެ ފައިނަލަށް ވެސް ނުދެވުނު. އެގޮތަށް ބަލާއިރު އެއީ އެންމެ ރަނގަޅު އިންވެސްޓްމަންޓް ކަމަށް އަޅުގަނޑު ނުދެކެން. އެއްގޮތަކަށްވެސް އަޝްފާގު ގޯހެކޭ ނޫން މިބުނަނީކީ،" މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ފަހު މެޗުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގައި ދަގަނޑޭ ހަމަލާ އުފެއްދުމަށް މަސައްކަތްކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވައްހާބު ވިދާޅުވީ، މިއަހަރު ވެސް މާޒިޔާގައި ވަރުގަދަ ސްކޮޑެއް އެބައޮތް ކަމަށާއި އެ ޓީމަށް ދަގަނޑޭ ނެތްތަން ނުދައްކާނެ ކަމަށެވެ. އަދި މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި މާޒިޔާގެ ޓާގެޓަކީ ހުރިހާ ތަށްޓެއް ހޯދުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާޒިޔާއިން މިދިޔަ އަހަރު ލީގު ހޯދިއިރު އެކްލަބުގައި މުހިންމު ދައުރެއް އަދާކުރި ސީނިއާ ބައެއް ކުޅުންތެރިން ވަނީ ކްލަބު ދޫކޮށް ގޮސްފަ އެވެ. އެގޮތުން ގޯލްކީޕަރު އިމްރާން މުހައްމަދާއި، އިސްމާއިލް އީސަ އަދި އަހްމަދު ނާޝިދު (ނައްޓޭ) ވަނީ އެ ކްލަބު ދޫކޮށް ގޮސްފައެވެ. ކީޕަރު އިމްރާން އަލުން ނިއުއާ ގުޅުނު އިރު، ނައްޓޭ ވަނީ ކްލަބު އީގަލްސްއާ ގުޅިފަ އެވެ. އަދި އީސަ ދަނީ ވިކްޓަރީ ސްޕޯޓްސް ކްލަބާ ވާހަކަދައްކަމުންނެވެ.

ފާއިތުވެދިޔަ ދެ ސީޒަނުގައި މާޒިޔާގެ ގޯލު ބެެލެހެއްޓި އިމްރާންގެ ބަދަލުގައި ކުރިން އެ ކްލަބަށް ކުޅުނު ކިރްގިސްތާން ކީޕަރު ޕަވެލް މަޓިއާޝް ވަނީ ގެނެސްފަ އެވެ. މާޒިޔާ އަށް 2015 ވަނަ އަހަރު މަޓިއާޝް ގެނެސްފައި ވަނީ އިމްރާނަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

މިދިޔަ އަހަރު ވެސް މާޒިޔާއަށް ކުޅުނު މުހިންމު ގިނަ ކުޅުންތެރިންތަކެއް އެ ކްލަބުގައި މަޑުކުރުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން އަސަދުﷲ އަބްދުﷲ (އަސައްކޮ) އާއި، އަސްހަދު އަލީ (އަޑުބަރޭ) އާއި، ހުސައިން ނިޔާޒް (ބޮކުރީ) އާއި، މުހައްމަދު އިރުފާން (އިރޭ) އާއި، މުހައްމަދު އުމައިރު އާއި، ޔަސްފާދު ހަބީބް (މުލަކޭ) އާއި، މޫސާ ޔާމީނާއި، އަހްމަދު އިމާޒް (އާއްކޮ) އާއި، ހަސަން ޝިފާގް (ޑުންގާ) އަދި އެއްބަޑުއެއްބަފާ ދެބެން ކަމަށްވާ ސަމޫހު އަލީ (ސަމުއްޓޭ) އަދި ގާސިމް ސައްމާމް (ސައްމޭ) ވެސް އެ ކްލަބުގައި މަޑުކުރުމަށް ވަނީ ނިންމައިފަ އެވެ.

މި އަހަރުގެ ސީޒަނުގައި މާޒިޔާ އަށް އިރުޝާދުދޭނީ މިޔަންމާގެ ކްލަބުތަކަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ މެސެޑޯނިއާ ކޯޗު މަރްޔަން ސެކުލޮވްސްކީ އެވެ.