07 Jan 2017, 19:53
އިލެކްޓްރޯނިކްސް އުފެއްދުމުގައި މުޅި ދުނިޔެއަށްވެސް މަޝްހޫރު އެޕަލް ކުންފުނީގެ ސީއީއޯ، ޓިމް ކުކް އަށް މިދިޔަ އަހަރު ލިބުނު މުސާރައިގެ އަދަދު 2015 ވަނަ އަހަރާ އަޅާ ބަލާއިރު 1.6 މިލިއަން ޑޮލަރު ކުޑަވެއްޖެ އެވެ.
އެމެރިކާގެ ފައިނޭންޝިއަލް ރެގިއުލޭޓާއެއް ކަމަށްވާ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަނުން ރައްކާކޮށްފައިވާ ރިޕޯޓަކާ ހަވާލާދީ ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކުކް އަށް މިދިޔަ އަހަރު މުސާރައިގެ ގޮތުގައި ލިބުނީ 8.75 މިލިއަން ޑޮލަރެވެ. ނަމަވެސް 2015 ވަނަ އަހަރު އޭނާ އަށް 10.3 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށާއި އެހެން ކަމުން މިދިޔަ އަހަރު ލިބުނު މުސާރަ އަކީ 2015 ވަނަ އަހަރާ އަޅާ ބަލާއިރު 1.6 މިލިއަން ޑޮލަރު މަދު އަދަދެއް ކަމަށް ބީބީސީން ބުނެފައިވެއެވެ.
މިދިޔަ އަހަރު އޭނާ އަށް ލިބުނު މުސާރަ ކުޑަ ނަމަވެސް، ހިއްސާގެ ބާޒާރުން ލިބުނު ފައިދާގެ ގޮތުގައި އޭނާ އަށް ވަނީ 136 މިލިއަން ޑޮލަރު ލިބިފައެވެ. ޓިމްގެ އިތުރުން އެކުންފުނީގެ އިސް މެނޭޖްމެންޓުގައި ހަރަކާތްތެރިވާ އިސް މުއައްޒަފުންގެ މުސާރަވެސް މިދިޔަ އަހަރު ކުޑަ އެވެ. ސަބަބަކަށް ވަނީ، މިދިޔަ އަހަރު އެޕަލްގެ ސޭލްސް މަދުވުމެވެ.
މިދިޔަ އަހަރު އެކުންފުންޏަށް ސޭލްސްގެ ގޮތުގައި ލިބިފައިވަނީ 215.6 ބިލިއަން ޑޮލަރެވެ. އެއީ 2015 ވަނަ އަހަރާ އަޅާ ބަލާއިރު 7.7 ޕަސެންޓު ދަށް އަދަދެކެވެ.