08 Jan 2017, 09:29
ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމަށް ބެލިނަމަވެސް ދިވެހި ދަރިވަރުން ދަނީ ދުނިޔޭގެ ފެންވަރުގެ ނަތީޖާތައް ހޯދަމުންނެވެ. އޭގެ ހެޔޮ ނަތީޖާ ގައުމަށް ވެސް ދަނީ ފެންނަމުންނެވެ. ނަމަވެސް ހިތާމައަކީ މޮޅުނަތީޖާއެއް ހޯދި ނަމަވެސް ގިނަ އަދަދެއްގެ ދަރިވަރުންގެ ކިބައިން އަމަލީ ގޮތުން އެކަން ނުފެންނާތީ އެވެ. ހޯދާފައިވާ ތައުލީމް އަމަލީ މައިދާނުގައި ބޭނުން ކުރެވޭތަނެއް ނުފެނެ އެވެ.
މޮޅު ނަތީޖާއާ އެކު ތައުލީމީ ހަޔާތް ނިންމުމަށް ފަހު ވަޒީފާއާ ގުޅޭ އިރު ވަޒީފާ މާހައުލުގައި ކުއްޖާގެ ފެންވަރު ދަށްވެގެންދިއުން ގައުމީ މައްސަލައަކަށް މިވަނީ ވެފަ އެވެ. ސަބަބަކީ ރާއްޖޭގެ ތައުލީމީ ނިޒާމްގެ ތެރެއިން އަމަލީ މައިދާނަށް ކުއްޖާ ތައްޔާރު ނުކުރެވުމެވެ.
"އިންޓަނޭޝަނަލް މިންގަނޑަށް ބަލާއިރު ވެސް ރާއްޖޭގެ އެޕްލިކޭޝަން ލެވަލް އުޅެނީ ވަރަށް ދަށްކޮށް، އިންޓަނޭޝަނަލް ބޭސް ލައިނަކަށް ދަމާލާ ކަމުގައި ވަނީ ނަމަ ރާއްޖޭގެ 9 ގައި އުޅޭ ކުއްޖެއް މިއުޅެނީ ދުނިޔޭގެ ފެންވަރަށް ބަލާއިރު ގުރޭޑް ހަތަރެއްގެ ކުއްޖެއްގެ،" ޓީޗާސް އެސޯސިއޭޝަނުންގެ ރައީސް އާތިފު އަބްދުލް ހަކީމް ވިދާޅުވި އެވެ.
އެހެންވާ ސަބަބަކީ ކޮބާ؟
ބެލެނިވެރިންގެ އަމާޒަކީ ދަރިން މޮޅު ރިޕޯޓެއް ހޯދުމެވެ. ކުދިންނަށްގެ އަމާޒު ބައްޓަން ކުރަނީ ވެސް އެހެންނެވެ. ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރާއްޖޭގެ ކުދިންގެ އަމަލީ މައިދާނުގައި އެކަށޭނަ ފެންވަރު ނުދެއްކެނީ ހަމައެކަނި ނަތީޖާއަށް ބަލައިގެން ތައުލީމް ހާސިލްކުރާތީ އެވެ.
"އަމަލީ މައިދާނުގައި މަސައްކަތްކުރާ އިރު އަޅުގަނޑުމެން އެންމެ ބޭނުންވާ މިންވަރަށް އެ ކުދިން ތައްޔާރުވެފައި ނުތިބޭ މައިގަނޑު ސަބަބެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ އަޅުގަނޑުމެންގެ ރިޒަލްޓް އޮރިއަންޓަޑް ނިޒާމަކަށް އަޅުގަނޑުމެން ގޮސް މިއޮތީ، ލިބޭ ގްރޭޑް އެންމެ މުހިންމު އެއްޗަކަށް މިވަނީ،" ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފް ވިދާޅުވި އެވެ.
ހަމައެކަނި ނަތީޖާއަށް އަމާޒު ހިފުމަށް ޓިއުޝަން ނަގައިގެންނާއި ޕާސްޕޭޕަރަށް ބަރޯސާވެގެން ހިތުދަސްކުރަނީ އެވެ. އޭގެ ސަބަބުން ޓެސްޓްޕޭޕަރުގައިވާ ސުވާލަށް ޖަވާބު ދޭން އިނގުނު ނަމަވެސް އަމަލީ މައިދާނުގައި އެއިލްމު ބޭނުންކުރަން ނޭނގެނީ އެވެ.
"މާލެއިން ފުރައިގެން އަރިއަތޮޅަށް ދެވެނީ ހަތްގަޑިއިރުންނޭ ބުނެފައި 7:00 ޖަހާއިރު ފުރައިގެން އެލޯންޗު ދާނޭ 2:00 ޖަހާއިރު ބުނީމަ ކުއްޖާއަކަށް ނޭނގެ، އެވަރުގެ ކަލްކިއުލޭޝަންއެއް ކުއްޖާގެ އަމިއްލަ ސިކުނޑިން ހަދާލުމުގެ ގާބިލްކަމެއް ނެތޭ ކަލްކިއުލޭޓަރާއި ނުލައި އެހެންވެ އެޕްލިކޭޝަން ލެވަލްގައި ކުދިންނަށް އެޕްލައި ކުރަން ނޭނގުން އެއީ އެންމެ ބޮޑު މައްސަލައަކީ،" އާތިފު ވިދާޅުވި އެވެ.
މިހާރުގެ ކަރިކިއުލަމްއާ އެކު ބަދަލުވެގެންދާނެ!
ސިކުނޑީގެ ކާނާކަމަށްވާ ތައުލީމެއްގެ ބޭނުމަކީ ރަނގަޅު ޖީލެއް ބިނާކުރުމެވެ. އެހެންކަމުން މުޖުތަމައުއަށް އަންނަ ބަދަލާއި ހާލަތަށް ބަލައި ތައުލީމަށް ބަދަލުގެންނަން ޖެހެ އެވެ. އެގޮތުން މިހާރު ރާއްޖޭގައި ވެސް ކިޔަވައިދޭ ކަރިކިއުލަމްއަށް މިވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނާ ގޮތުގައި އާ ކަރިކިއުލަމްއާ އެކު ކުދިންނަކީ މުޖުތަމައުމަށް ތައްޔާރުވެފައިވާ ކުދިންނަށްވެގެންދާނެ ކަމަށެވެ.
"މުޖުތަމައުގައި ހިނގާ ކަންކަން ގޯސްވުމަކީ ސްކޫލުގައި ކިޔަވައިދިނުން ގޯސްވެގެން ހިންގާ ކަންތައްތަކެއް ނޫން. މިހެން ހިންގާ ކަންތައްތަކަށް ރިޔާއަތްކޮށް އަޅުގަނޑުމެން ކުދިންގެ މަންހަޖު އެކަށައެޅުމާއި ކިޔަވައިދިނުމުގެ ކަންތައްތަކާއި ތަރުބިއްޔަތު އަޅުގަނޑުމެން މިއެކަށަ އެޅިގެން ދަނީ، ހާއްސަކޮށް އަޅުގަނޑު ފާހަގަ ކުރަން މިހާރު އަޅުގަނޑުމެން ތަންފީޒު ކުރަން ފަށާފައިވާ މަންހަޖުގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި ކަނޑައަޅާފައި މިހިރީ ދަރިވަރުންގެ ކިބާގައި ފެންނަން ހުންނާނެ ސިފަތަކުގެ ތެރޭގައި ކޮން ސިފަތަކެއްތޯ އަށަގަތީ،" އެޑިއުކޭޝަން މިނިސްޓްރީގެ ސުޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވި އެވެ.
ރަނގަޅުކުރަންވީ ކަންކަން
ދަރިވަރުންނަކީ މަސައްކަތް ދަސްވެގެން އަމަލީ މައިދާނަށް ނުކުންނަ ބަޔަކަށް ހެދުމަށް ތައުލީމީ ނިޒާމްތަކުގެ ތެރެއިން އެކަންކަން ދަސްކޮށްދޭންޖެހެ އެވެ. އެކަންވާނީ ހިތުދަސްކޮށްދޭން އެކަނި އަމާޒު ނުހިފައި ތަޖުރިބާ ދަރިވަރުންނަށް ހޯދައިދީގެންނެވެ.
"އަޅުގަނޑުމެން ކިޔަވައިދޭ އެއްޗެއް ބޭނުންކުރަން އިނގޭނީ އޭގައި ކޮންމެވެސް ވަރަކަށް ޕުރެކްޓިކަލް ބައި ހިމެނިގެން، އެ ބިޒުނަސް ކިޔެވިކަމުގައި ވިޔަސް ކެމިސްޓްރީ ކަމުގައި ވިޔަސް، ކުއްޖާއަށް އެބަ އިނގެންޖެހޭ ތިމަންނަ މިކިޔަވާ އެއްޗެއް މިކިޔަވަނީ ކީއްވެ ކަމާއި އޭގެ ބޭނުމަކީ ކޮބާކަން،" ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފް ވިދާޅުވި އެވެ.

ތައުލީމީ ނިޒާމަށް ހެޔޮ ބަދަލެއް ގެނައުމަށް ސްކޫލުތަކުގެ ތެރޭގައި އެކަންކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރަން ޖެހެ އެވެ. ހަމައެއާ އެކު ޓީޗަރުންނަށް ކަމާވެގެން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދޭން ޖެހޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވި އެވެ.
"މާލެއަށް އަޅުގަނޑު ބަލާލާ އިރު ގިނަ ސުކޫލްތަކުގައި ކޮންމެ ކުލާހެއްގައި 34 ކުދިން 35 ކުދިން ވަރު އެބަތިބި، އެހާބައިވަރު ކުދިންނަށް 35 މިނެޓުގެ ވަގުތެއްގައި ކޮންމެ ކުއްޖަކަށް ވެސް މިނެޓެއް ނުދެވޭނެ ދެއްތޯ؟ އެހެންވީމަ ކުދިންނާ ވީހާ ވެސް ގާތުން އެކުދިންނާއި އަޅާލެވޭނެ ކަހަލަ ގޮތަކަށް ފުރަތަމަ ކަމަކީ ކުލާސްތަކުގައި ތިބި ކުދިންގެ އަދަދު މަދުކޮށް ދެ ވަނަ ކަމަކީ ކުދިން ކުރާ މަސައްކަތް ވީހާ ވެސް ގާތުން ވަޒަންކުރެވޭނެ ގޮތްތަކެއް ކަނޑައެޅުން،" ޓީޗާސް އެސޯސިއޭޝަނުންގެ ރައީސް އާތިފު އަބްދުލް ހަކީމް ވިދާޅުވި އެވެ.
ސްކޫލުގެ އިތުރުން ކުދިން ތަރުބިއްޔަތުގެ ތެރެއިން ވެސް އަމަލީ މައިދާނަށް ތައްޔާރު ކުރުމަށް ބެލެނިވެރިންގެ ޒިންމާ ވެސް ބޮޑެވެ. އެގޮތުން ކުދިންލައްވައި އެކިއެކި މަސައްކަތް ކުރުވުން މުހިންމެވެ.
"ގޭތެރޭގައި ކުދިންލަށްވައި ކުރާ މަސައްކަތް މަދުވެފައި ގޭތެރޭގައި ވެސް އަދި ހަމަ އެކުދިންނަށް އަމަލީ މައިދާނުގައި ކަންކަން ދަސްކޮށްދިނުމުގައި ބެލެނިވެރިންގެ ރޯލުވެސް ފުޅާކުރަން ޖެހޭ،" ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފް ވިދާޅުވި އެވެ.
ޅަދަރިންގެ މުސްތަގުބަލާއި ގައުމުގެ ކުރިމަގަށްޓަކައި ރާއްޖޭގެ ތައުލީމީ ނިޒާމަށް މިވަނީ ބަދަލުތަކެއް ގެންނަންޖެހިފަ އެވެ. ހިތުދަސްކޮށްދީފައި އަމަލީ މައިދާނަށް ނެރުމުގެ ބަދަލުގައި ތަޖުރިބާއާ އެކު ދިރިއުޅުމަށް ތައްޔާރުކޮށްދޭ ތަނަކަށް ތައުލީމީ މަރުކަޒުތައް ހަދަން ވަނީ މަޖުބޫރުވެފަ އެވެ.