07 Jan 2017, 18:22
ހަރަމްފުޅު ފުޅާ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ގޮތުން، ހައްޖުގެ އަޅުކަން އަދާ ކުރުމަށް އެކި ގައުމުތަކުން ސައުދީ އަރަބިއްޔާއަށް ދެވޭ މީހުންގެ އަދަދު ކުޑަކޮށްފައި އޮތް އޮތުން އެގައުމުގެ ސަރުކާރުން އުވާލައިފިއެވެ.
ހަރަމްފުޅު ބޮޑުކުރުމުގެ މަޝްރޫއު ފެށުމާ ގުޅިގެން ހައްޖާޖީންގެ ސަލާމަތަށްޓަކައި ހައްޖު ކޯޓާ ކުޑަކުރަން އެގައުމުގެ ސަރުކާރުން ނިންމީ މީގެ ފަސް އަހަރު ކުރިންނެވެ. ނަމަވެސް މިއަހަރުން ފެށިގެން ހައްޖު ކޯޓާ ކުޑަކޮށްފައި އޮތް އޮތުން އުވާލަން ނިންމީ، ހަރަމްފުޅު ފުޅާ ކުރުމުގެ މަސައްކަތް ނިމުމަކާ ކައިރިވެފައިވާތީ އެވެ. އެގޮތުން 2012 ވަނަ އަހަރު ކޯޓާ ކުޑަ ކުރި އިރު އެކި ގައުމުތަކަށް ދޭ ހައްޖު ކޯޓާގެ އަދަދު 20 ޕަސެންޓް ދަށްކޮށް، ސައުދީން ހައްޖަށް ދާން ކޯޓާ ދޭ މީހުންގެ އަދަދު 50 ޕަސެންޓަށް ދަށްކުރި އެވެ.
ހައްޖު ކޯޓާ ކުޑަކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވަނީ، އެގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ނާއިފްގެ ހުށަހެޅުއްވުމުގެ މަތިން އެގައުމުގެ ހައްޖު ކޮމެޓީންނެވެ. ހައްޖު ކޯޓާގެ ގޮތުގައި ގައުމުތަކަށް ދޭން ހަމަޖައްސާފައިވާ މިންވަރު ހާމަ ކޮށްފައި ނުވި ނަމަވެސް ގައުމުތަކަށް ކޯޓާ ދޭނެ މިންވަރު ކަނޑައަޅާނީ މިހާރެކޭވެސް އެއްގޮތަށް އެގައުމުގެ ހައްޖާއި އުމްރާއާ ބެހޭ ވުޒާރާއިންނެވެ.
ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ޚާއްސަ އެހީއެއްގެ ދަށުން ކޮންމެ އަހަރަކު ރާއްޖެ އަށް 2000 މީހުންގެ ކޯޓާ ލިބެއެވެ. އެއީ ރާއްޖެއަށް ދީފައި އޮންނަ 1000 ކޯޓާ އާއި އެގައުމުގެ ސަރުކާރުގެ ޚާއްސަ އިނާޔަތެއްގެ ދަށުން ދީފައި އޮންނަ 1000 ކޯޓާ އެވެ.