07 Jan 2017, 14:30
އަންކާރާ (ޖެނުއަރީ 7): ސީރިއާ އާއި އިރާގުގެ ބައެއް ރެފިއުޖީންނަށް ތުރުކީން ރަށްވެހިކަން ދޭނެ ކަމަށް އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
ތުރުކީގެ ޓީވީތަކުން ދެއްކި ތަގުރީރެއްގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވަނީ ހާއްސަ ސެކިއުރިޓީ ޗެކްތަކަށް ފަހު ރަށްވެހިކަން ދޭނެ ފަރާތްތައް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ނިންމާނެ ކަމަށެވެ.
"އިންޓީރިއާ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން [ބައެއް ރެފިއުޖީންނަށް] ރަށްވެހިކަން ދޭނެ. އޭގެ ތެރޭގައި [ރެފިއުޖީންގެ] ވަރަށް ގާބިލު މީހުން ހިމެނޭ. އިންޖިނިއަރުންނާއި ވަކީލުންނާއި ޑޮކްޓަރުން ހިމެނޭ. އެމީހުން ލައްވާ އެކިތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރުވުމުގެ ބަދަލުގައި މި ގައުމުގެ ދަރިން ފަދައިން، ގައުމުގެ ރައްޔިތުންގެ ގޮތުގައި މަސައްކަތް ކުރުމަށް ފުރުސަތު ދެމާ،" އުރުދުޣާން ވިދާޅުވި އެވެ.
ތުރުކީން ރަށްވެހިކަން ދޭނެ މީހުންގެ އަދަދު ރައީސް އުރުދުޣާން ހާމަނުކުރައްވަ އެވެ.
ތުރުކީގެ ސަރުކާރުން ނެރުނު ތަފާސްހިސާބުގައިވާ ގޮތުން ސީރިއާ އާއި އިރާގު ހަނގުރާމައިން ސަލާމަތްވުމަށް އެ ގައުމަށް ގޮސްފައިވާ މީހުންގެ އަދަދު ތިން މިލިއަނަށް އަރަ އެވެ. (އަލްޖަޒީރާ)