ރިއޯ ޑި ޖެނީރިއޯ (ޖެނުއަރީ 7): ބްރެޒިލްގެ އުތުރުގައި އޮންނަ ރޮރެމިއާ ސްޓޭޓުގެ ޖަލެއްގައި 33 ގައިދީން މަރާލައިފި ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.

ރޮރެމިއާ ސްޓޭޓުގެ ސެކްރެޓަރީ އޮފް ޖަސްޓިސް އުޒިއެލް ކާސްޓްރޯ ލަފާ ކުރަައްވާ ގޮތުގައި އެއީ މަސްތުވާތަކެއްޗާ ގުޅުން ހުރި ގޭންގަކުން އެމީހުންގެ ބާރު ދެއްކުމަށާއި ގޭންގާ އިދިކޮޅު ފަރާތްތަކަށް ބިރު ދެއްކުމަށް ދިން ހަމަލާއެކެވެ.

އޮފިޝަލުން ބުނި ގޮތުގައި ޖަލުގެ ބައެއް ގައިދީން އެ ހަމަލާ ދީފައި ވަނީ އެމީހުންގެ ގޮޅީގެ ތަޅު ހަލާކު ކުރުމަށް ފަހު ޖަލުގެ އެހެން ބަޔަކަށް ގޮސްފަ އެވެ. އެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން 30 މީހުންގެ ބޯ ކަނޑާލާފައިވާ ކަމަށް ވެސް އޮފިޝަލުން ބުންޏެވެ.

ބްރެޒިލްގެ ޖަސްޓިސް މިނިސްޓަރު އެލެކްޒެންޑްރާ މޮރައެސް ވިދާޅުވި ގޮތުގައި އެ ހަމަނުޖެހުމުގެ ފަހަތުގައި ވަނީ ޕީސީސީ ކިޔާ ގޭންގެކެވެ. އަދި އެހަމަލާގައި މަރުވި މީހުންނަކީ އެގޭންގަށް ނިސްބަތްވާ މީހުންނެވެ.

"ބައެއް މީހުން މެރީ އެމީހުންނަކީ ރޭޕީސްޓުންނަށް ވުމުން. އަނެއް މީހުން މެރީ ޕީސީސީއަށް ބޭވަފާތެރިވުމުން،" މޮރައެސް ވިދާޅުވި އެވެ.

ފުލުހުންގެ ހާއްސަ ފައުޖުތަކުން މިހާރު ވަނީ ޖަލު އަނެއްކާ ވެސް ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮަސްފައި ކަމަށް އޮފިޝަލުން ބުނެ އެވެ.

ދެހާސްބާރަ ވަނަ އަހަރު ބްރެޒިލްގެ ސަރުކާރުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން މަސްތުވާތަކެތި ވިއްކައިގެން އަހަރަކު 32 މިލިއަން ޑޮލަރު ލިބޭ ޕީސީސީއަކީ އެގައުމުގެ އެންމެ ބޮޑު ގޭންގެވެ. ޖަލުގައި އެންމެ ފުރަތަމަ އުފެދުނު އެ ގޭންގުގެ 13،000 މެމްބަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި ތިބީ ވެސް ޖަލުގައި ކަމަށް ރިޕޯޓުގައިވެ އެވެ.

އެ ހާދިސާއާ ރޮރެމިއާ ކައިރީ އޮންނަ މަނައުސްގެ ޖަލެއްގައި މިދިޔަ އާދިއްތަ ދުވަހު ހިނގި ތަޅާފޮޅުމާ ގުޅުން އޮތްކަން އަދި ޔަގީންވެފައި ނުވެ އެވެ. އެ ހާދިސާގައި 56 ގައިދީން މަރާފައިވެ އެވެ. (ބީބީސީ)