07 Jan 2017, 09:15
ފްލޮރިޑާ (ޖަނަވަރީ 7) : އެމެރިކާގެ އިރުމަތީގެ ސްޓޭޓެއްކަމަށްވާ ފްލޮރިޑާގެ ފޯޓް ލައުޑަޑޭލް އެއަޕޯޓަށް ހަމަލާދިން މީހާ ހައްޔަރުކުރުމަށް ފަހު އެކަން ތަހްގީގް ކުރުމުގެ ގޮތުން އޭނާއާ ސުވާލުކުރަމުންގެންދާކަން އެމެރިކާ އިން ހާމަކޮށްފި އެވެ.

ފްލޮރިޑާގެ މަސްއޫލުވެރިން ވިދާޅުވީ އިސްތިބާން ސަންތިޔާގޯ ނަމަކަށްކިޔާ އެމީހާ އެއާޕޯޓްގެ ޓާމިނަލްގައި ތިބި މީހުންނަށް އަމާޒުކޮށް ބަޑިން ދިން ޙަމަލާތަކުގަގައި ފަސް މީހަކު މަރުވެ، 13 މީހުން ޒަޚަމްވެފައިވާ އިރު މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭކަމުގަ އެވެ. މިއީ ސިޔާސީ ބޭނުމެއްގައި ދިން ޓެރަރިސްޓް ހަމަލާއެއްކަން ނޫނީ ބޯހަމަނުޖެހޭ މީހަކު ހިންގި ލޯކަލް ޖަރީމާއެއްކަން އަދި ސާފުނުވާ ކަމަށާއި ހަމަލާދިން މީހާގެ އަތުން އަސްކަރީ ލިޔުންތަކެއް ފެނިފައިވާކަމުގަ އެވެ.

އެމެރިކާގެ އެމްއެސްއެންބީސީ ނެޓްވާކު ބުނާގޮތުން އިސްތިބާން ސަންތިޔާގޯ އަކީ ލެޓިން އެމެރިކާ ދަރިކޮޅަށް ނިސްބަތްވާ އުމުރުން ވިއްސަކަށް އަހަރުގެ ޒުވާނެކެވެ. މިހަމަލާގައި އޭނާ ފިޔަވައި އެހެން މީހަކު ބައިވެރިވެފައިނުވާކަމަށް ފްލޮރޮޑާގެ ފުލުހުންނާ ހަވަލާދީ އެމެރިކާގެ މަޝްހޫރު ނޫހެއްކަމަށްވާ ޔޫއެސްއޭ ޓުޑޭ ބުނެ އެވެ. ނަމަވެސް މިހަމަލާގައި އިތުރު މީހަކު ބައިވެރިވި ކަމަށާ އޭނާ ވަނީ ފިލާފައި ކަމަށް ފުލުހުންނާ ހަވާލާދީފައިވާ އެހެން ބައެއް ރިޕޯޓްތައް ބުނެ އެވެ.
މި ހަމަލާތަކާ ގުޅިގެން ފްލޮރިޑާގެ ފޯޓް ލައުޑަޑޭލް އެއަރޕޯޓް ވަގުތީ ގޮތުން ބަންދުކުރުމަށް ފަހު މިހާރު ވަނީ އަލުން ހުޅުވާފަ އެވެ. މިޙާދިސާގެ ޚަބަރު އިވިވަޑައިގަތުމުން އެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ ފްލޮރިޑާގެ މަސްއޫލުވެރިންނާ ގުޅުއްވައި މިކަމުގެ މައުލޫމާތު އޮޅުން ފިލުއްވާފައި ކަމަށް ވައިޓް ހައުސް އިން ބުނެ އެވެ. (ނޫސްއެޖެންސީތައް)