07 Jan 2017, 08:59
ސްރީލަންކާގެ ގޭޓްވޭ ކޮލެޖާ ގުޅިގެން ހުޅުމާލޭގައި އަލަށް ފަށާ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވައިދޭން ގެނައި ސޯޝަލް ސުޓަޑީ ފޮތްތައް އަނބުރާ ނަގައި އާންމު ސްކޫލުތަކުން ކިޔަވައިދޭ ސޯޝަލް ސުޓަޑީފޮތުން ކިޔަވައިދިނުމަށް ނިންމައިފި އެވެ.
ލާލޭ ސްކޫލުގެ ބަދަލުގައި ހުޅުމާލޭގައި އަލަށް ފަށާ ގޭޓްވޭ ސްކޫލުގެ ދަރިވަރުންނަށް ދޫކުރި ސޯޝަލް ސްޓަޑީޒް ފޮތުގައި ނަސޯރާ ދީނާއި ބުދު ދީނުމުގެ ބައެއް މައުލޫމާތު ވަނީ ހިމަނައިފަ އެވެ. އެކަން ފާހަގަވީ ފޮތްތައް ބެހިފަހުންނެވެ.
ގޭޓްވޭގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު، މިއަދު ސަންއަށް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން ރާއްޖޭގައި ކިޔަވައިދިނުމަށް ދޫކުރާ ސޯޝަލް ސުޓަޑީ ފޮތުން މި އަހަރު ގޭޓްވޭ ސްކޫލުގައި ސޯޝަލް ސުޓަޑީ ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ.
ކުރިން ގޭޓްވޭއިން ނިންމާފައި ވަނީ އިސްލާމް، ދިވެހި ފިޔަވައި އެހެން ފޮތްތައް ލަންކާގެ ގޭޓްވޭގައި ބޭނުންކުރާ ފޮތްތަކުން ކިޔަވައިދިނުމަށެވެ.
ރަޝީދު ވިދާޅުވީ އެ ފޮތްތަކުގައި އެފަދަ މައުލޫމާތު ހުރުމުން މިހާރު ވިސްނުން ހުރީ ރާއްޖެއަށް ހާއްސަކޮށްގެން އާ ފޮތެއް ހެދުމަށް ކަމަށެވެ. އަންނަ އަހަރަށް އެކަން ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ސްކޫލުގެ ތެރޭގައި އިސްލާމް ދީނާއި ހިލާފު އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. ޓީޗަރުން ނެގުމުގައި ގުރުއާން ކިޔަވައިދެވޭނެ ފެންވަރުގެ ޓީޗަރުންނަށް ބަލައިގެން މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.