07 Jan 2017, 08:01
ސްރީލަންކާގެ މައި އެއާޕޯޓް، ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ތިން މަސް ދުވަހަށް ދިގުދެމިގެންދާ މި މަސައްކަތް ކުރަން ފެށީ އިއްޔެ އެވެ. މި މަސައްކަތް ކުރުމަށް ޓަކައި، މި އަހަރުގެ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 16:30 އަށް އެ އެއާޕޯޓުގެ ރަންވޭ ބަންދުކުރާނެ އެވެ.
އެ ވަގުތުތަކުގައި އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާލި ނަމަވެސް ހަވީރާއި ރޭގަނޑާއި ފަތިހުގެ ވަގުތުތަކުގައި އެ އެއާޕޯޓު ހުޅުވައި، މަސައްކަތްތައް ކުރިޔަށް ގެންދާނެ އެވެ.
ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮންނަނީ 3،350 މީޓަރުގެ އެންމެ ރަންވޭއެކެވެ. މިހާރު ކުރިޔަށްދާ މަރާމާތުގެ މަސައްކަތަކީ، 1986 ވަނަ އަހަރު އެ ރަންވޭ އެޅި ފަހުން ކުރެވޭ ފުރަތަމަ މަރާމާތެވެ.
އެ މަސައްކަތާ ގުޅިގެން، ބަންޑާރަނަޔަކަ އިންޓަނޭޝާނަލް އެއާޕޯޓަށް ދަތުރުކުރާ ގިނަ ފްލައިޓުތަކެއްގެ ޝެޑިއުލަށް ބަދަލު ގެނެސް، ބައެއް ފްލައިޓުތައް ކެންސަލް ވެސް ވަނީ ކުރަން ޖެހިފަ އެވެ. އެގޮތުން، ސްރީލަންކާގެ ގައުމީ އެއާލައިން، އަދި ރާއްޖެ އަށް އެންމެ ގިނަ ދަތުރުކުރާ ބޭރުގެ އެއާލައިން، ސްރީލަންކަން އެއާލައިންސްގެ އެވެ.
ސްރީލަންކަން އެއާލައިންސްގެ ހަތަރު ފްލައިޓެއް، ލަންކާގެ ދެކުނުގައި އޮންނަ މައްތަލަ އިންޓަނޭޝަނަލް އެއާޕޯޓުން އޮޕަރޭޓުކުރާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް ސްރީލަންކާގެ އޭވިއޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.
މީގެ އިތުރުން، އެއާޕޯޓުން ވަނީ، އެއާޕޯޓު ބަންދުކުރާތީ އެތަން ބާރުބޮޑުވާނެތީ، އެއާޕޯޓު ބަންދުކުރާ މުއްދަތުގައި ދަތުރުކުރާ ފަރާތްތަކުން، ފްލައިޓު އޮންނަ ގަޑީގެ ފަސް ގަޑިއިރު ކުރިން އެއާޕޯޓަށް އައުމަށް އެދިފަ އެވެ.
ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް ކުރިޔަށް ދާ އިރު، އެއާޕޯޓު ސަރަހައްދުގެ އެއްގަމުގެ ޓްރެފިކު ފްލޯއަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ.
ސްރީލަންކާއަކީ އެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހީން ދަތުރުކުރާ ގައުމެކެވެ. މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ދިވެހިރާއްޖެ އިން 95،000 ދިވެހީން ސްރީލަންކާއަށް ދަތުރުކުރި އެވެ.
މީގެ އިތުރުން، ދިވެހީންގެ އެންމެ ބޮޑު އާބާދީއެއް ރާއްޖެ އިން ބޭރުގައި ދިރިއުޅެނީ، ސްރީލަންކާގަ އެވެ. އެގައުމުގައި ގާތްގަނޑަކަށް 12،000 އަށް ވުރެ ގިނަ ދިވެހީން ދިރިއުޅެމުން ގެންދެ އެވެ.