07 Jan 2017, 08:09
ޗައިނީސް ސުޕާ ލީގު (ސީއެސްއެލް)އާ މެދު ޔޫރަޕުން ސަމާލުވާން ޖެހޭ ކަމަށް ސްޕެއިންގެ ބާސެލޯނާގެ ކުރީގެ ތަރި ޒަވީ ބުނެފި އެވެ.
ޗައިނާގެ ފުރަތަމަ ޑިވިޝަންގެ ލީގު ސީއެސްއެލްގެ ކްލަބުތަކުން ދަނީ ބޮޑެތި އަގުތައް ހުށަހަޅައި، ނަން މަޝްހޫރު މޮޅެތި ކުޅުންތެރިން ހޯދަމުންނެވެ. އެގޮތުން އެންމެ ފަހުން ބޮޑެތި އަގުތައް ހުށަހަޅައިގެން އެ ލީގުގެ ކްލަބުތަކުން ވަނީ ކާލޮސް ޓެވޭޒްއާއި، އެކްސެލް ވިޓްސެލްއާއި އޮސްކާ އަދި ޖޯން އޮބި މިކެލް ގެންގޮސްފަ އެވެ.
ގަތަރުގެ އަލް ސާދްއަށް މިހާރު ކުޅެމުންދާ ޒަވީ ގަބޫލުކުރާ ގޮތުގައި، ސީއެސްއެލް ކްލަބުތަކުން އަދި ވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިން ގެންދާނެ ކަމަށާއި ފެނިގެންއެދަނީ ޗައިނާ ކްލަބުތަކުގެ ފެށުން ކަމަށެވެ.
"ޗައިނާ އިން މިހާރު ވަރަށް ސީރިއަސް. ކުރިން ނަމަ، މޮޅެތި ކުޅުންތެރިންގެ މަންޒިލަކީ ޔޫރަޕް. ޗައިނާ އިން މިހާރު އެ ދައްކުވައިދެނީ ފުޓްބޯޅައިގެ ވިޔަފާރި ތެރެއަށް އެމީހުން ވަދެއްޖެކަން. އަދި ޔޫރަޕްގެ އެންމެ މޮޅެތި ކުޅުންތެރިން ޝައުގުވެރިވާނެ ފަދަ އަގުތައް ހުށަހެޅޭނެ ގާބިލުކަން ހުރިކަން ވެސް އެމީހުން އެބަ ދައްކުވައިދޭ. މިހާރު ވެސް ޗައިނާގެ ކްލަބުތަކުން މޮޅެތި ގިނަ ކުޅުންތެރިންތަކެއް ބޮޑެތި އަގުތަކުގައި ހޯދައިފި. އެއީ އަދި ފެށުމެއް،"ދަ ސަންއަށް ދިން އިންޓަވިއުއެއްގައި ޒަވީ ބުންޏެވެ.

އޭޝިއާގެ ރެކޯޑް އަގެއްގައި އާޖެންޓީނާގެ ބޮކާ ޖޫނިއާސްއިން ޗައިނާގެ ޝަންހާއީ ޝެންހުއާއާ ގުޅުނު ފޯވަޑް ކާލޮސް ޓެވޭޒް ---
ޒަވީ ބުނީ، އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް)އަށް ކުޅުންތެރިން ގެންދާތަން ފެންނަ ކަމަށާއި އެކަމަކު އެމެރިކާގެ ކްލަބުތަކާއި ޗައިނާގެ ކްލަބުތަކުން ކަންތައްކުރާގޮތް މުޅިން ތަފާތު ކަމަށެވެ.
"އެމްއެލްއެސްއިން ފެންނަނީ ކެރިޔަރު ނިންމާލަން ކައިރިވާ ކުޅުންތެރިން. އެކަމަކު ޗައިނާ އިން ގެންދަނީ ވިދަމުން އަންނަ މޮޅެތި ކުޅުންތެރިން. ޔޫރަޕްގެ ކްލަބުތަކަށް ޗައިނާގެ ކްލަބުތަކުން ކިޔާ އަގުތައް ވައްޓައެއް ނުލެވޭނެ. މިހާރު މޮޅެތި ކުޅުންތެރިން ޗައިނާގެ ކްލަބުތަކާ ގުޅޭ ސަބަބަކީ ވެސް އެއީ. ކުރިއަށްއޮތްތާ ޗައިނާގެ ކްލަބުތައް ދުނިޔާގެ އެންމެ ވަރުގަދަ ކްލަބުތަކުގެ ތެރެއިން ޖާގަ ހޯދުމަކީ ވެސް ގާތްކަމެއް،" އޭނާ ބުންޏެވެ.
ބޮޑެތި އަގުތަކުގައި ޗައިނާގެ ކްލަބުތަކާ ގުޅުނު ކުޅުންތެރިން:
ކާލޮސް ޓެވޭޒް (70 މިލިއަން ޕައުންޑް)، ޝަންހާއީ ޝެންހުއާ
- އޮސްކާ (60 މިލިއަން ޕައުންޑް)، ޝަންހާއީ އެސްއައިޕީޖީ
- ހަލްކް (47.43 މިލިއަން ޕައުންޑް)، ޝަންހާއީ އެސްއައިޕީޖީ
- އެލެކްސް ޓެކްސޭރާ (42.5 މިލިއަން ޕައުންޑް)، ޖިއަންގްސޫ ސުނިންގް
- ޖެކްސަން މާޓިނޭޒް (35.7 މިލިއަން ޕައުންޑް)، ގުއަންގްޒޫ އެވާގްރޭންޑް
- ރަމިރޭޒް (23.8 މިލިއަން ޕައުންޑް)، ޖިއަންގްސޫ ސުނިންގް
- އެކްސެލް ވިޓްސަލް (20 މިލިއަން ޕައުންޑް)، ޓިއަންޖިން ގުއަންޖިއަން
- އެލްކެސަން (15.73 މިލިއަން ޕައުންޑް)، ޝަންހާއީ އެސްއައިޕީޖީ
- ޖާވީނިއޯ (15.3 މިލިއަން ޕައުންޑް)، ހެބޭ ޗައިނާ ފޯޗޫން
- ގްރަޒިއާނޯ ޕެލޭ (13 މިލިއަން ޕައުންޑް)، ޝަންޑޮންގް ލުނެންގް ޓައިޝަން
- ރިކާޑޯ ގޫލާޓް (12.75 މިލިއަން ޕައުންޑް)، ގުއަންގްޒޫ އެވާގްރޭންޑް
- ޕައުލީނިއޯ (11.9 މިލިއަން ޕައުންޑް)، ގުއަންގްޒޫ އެވާގްރޭންޑް