08 Jan 2017, 14:28
ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ރާއްޖޭގެ ހަ މިސްކިތެއް ހިމެނުމަށް ޓަކައި މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.
ޗަންޕާ ސެންޓުރަލް ހޮޓެލްގައި މިއަދު ފެށި އެ ބައްދަލުވުމުގައި ބޭރުގެ ތަޖުރިބާކާރުންނާއި ރާއްޖޭގެ ތަޖުރިބާކާރުން ބައިވެރިވެ އެވެ.
އެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، ކުރީގެ އާސާރީ ތަންތަން ހިމާޔަތް ކުރުމަކީ އާ އިމާރާތެއް ބިނާ ކުރުމަށް ވުރެ އުނދަގޫ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެފަދަ ތަންތަން ހިމާޔަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ނާސިރު ވިދާޅުވި އެވެ.

މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ނަސީރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ އަފުރާހު
އޭނާ ވިދާޅުވީ އެފަދަ ތާރީހީ ތަންތަނަކީ ދިވެހިންގެ ސަގާފަތް ދައްކުވައިިދޭ ތަންތަން ކަމަށެވެ. އަދި ކުރިން އުޅުނު މީހުންގެ ދިރިއުޅުން ވެސް އެތަންތަނުން ދައްކުވައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ަނަޒީރު ވިދާޅުވީ، ދިވެހި ތަރިކަ އާއި ތާރިހާއި ސަގާފަތަށްދޭ އަހައްމިއްޔަތުކަން މިހާރު ކުޑަވެފައިވާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް އަޒްރާ ވިދާޅުވީ، ޑިޕާޓުމެންޓް އޮފް ހެރިޓޭޖުގެ މަސައްކަތްތައް ފެށުނީއްސުރެ ތާރީހީ އަދި ސަގާފީ ތަރިކަ ރައްކާތެރިކޮށް ހިމާޔަތްކޮށް ކަމާ ގުޅޭ މައުލޫމާތު އާއްމު ކުރުމަށް މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އަޒުރާގެ ވާހަކަފުޅުގައި ރާއްޖޭގައި ހިރިގަލުގެ މިސްކިތްތަކަކީ، ދިވެހި ތަރިކައިގެ ލާމަސީލު ނަމޫނާ ތަންތަންކަމަށާއި އެތަންތަން ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ކުރާ މަސައްކަތަކީ ބޮޑު އިސްކަމެއް ދީގެން ކުރާ މަސައްކަތެއް ކަމަށެވެ.
"ހިރިގަލުގެ މިސްކިތްތަކަކީ، ދިވެހި ތަރިކައިގެ ލާމަސީލު ނަމޫނާ ތަންތަން. މިި މިސްކިތްތަކަކީ ދިވެހިންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަން މަތީ ފެންވަރެއްގައި ކުރެވިފައިވާކަން ދައްކުވައިދޭ އެ މަސައްކަތްތައް ފެންނަން ހުރި އަގުހުރި ތަންތަން. މި މިސްކިިތްތަކުގައި ފެންނަން ހުރީ ހިރިގަލުގެ މަސައްކަތްތަކުގެ ދެވަނައެއް ނެތް ނަމޫނާއެއް. މި ދެންނެވި މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ކުރާ މަސައްކަތަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރާ މަސައްކަތެއް،" އަޒުރާ ވިދާޅުވި އެވެ.

މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އަޒުރާ ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ
އޭނާ ވިދާޅުވީ އެ މަސައްކަތް ކުރުމުގެ ބޭނުމަކީ އެތަންތަނަކީ ދުނިޔޭގެ ފެންވަރުގައި ވެސް ބަލައިގަނެވޭނެ ދިވެހިންގެ ފަހުރުވެރި، ތަރިކައިގެ ތެރޭގައި ހިމެނޭ ހިމާޔަތް ކުރަންޖެހޭ ތަންތަން ގޮތުގައި ހަދައިގެން އެތަންތަން އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށް ޓުމުގެ ބޭނުމުގައި ކަމަށެވެ.
ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ނިންމާފައިވަނީ ހއ. އިހަވަންދޫ އާސާރީ މިސްކިތާއި، ރ. މީދޫ ބާމިސްކިތާއި މާލޭ ހުކުރު މިސްކިތާއި މާލޭ އީދު މިސްކިތުގެ އިތުރުން އދ. ފެންފުށި އާސާރީ މިސްކިތް އަދި ލ. އިސްދޫ އާސާރީ މިސްކިތެވެ.
އަޒުރާ ވިދާޅުވީ، މާއްދީ އަދި މައުނަވީ ތަރިކަ ހިމާޔަތް ކުރުމަށް ޓަކައި ޔުނެސްކޯގެ އެހީތެރިކަމާއި އަދި ވޯލްޑް މޮނިއުމަންޓު ފަންޑުގެ އެހީތެރިކަމާ އެކު ވަރަށް މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާ އިރު، މި އަހަރުގެ ތެރޭގައި ވެސް އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ މަސައްކަތު ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހަ ދުވަހުގެ މުއްދަތަކަށެވެ. އެ ބައްދަލުވުމުގެ ތެރެއިން އަތޮޅުތަކުގެ މިސްކިތްތަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް، އެ ބައްދަލުވުން އިންތިޒާމު ކުރާ ފަރާތް، ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ބުނެ އެވެ.