07 Jan 2017, 00:43
ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަލުން އެނބުރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ނޫ ޖާޒީގައި ފެނިގެންދާނެ ކަމުގެ އިޝާރާތެއް އެ ކްލަބްގެ ޗެއާމަންގެ މަގާމަށް އަލަށް އިންތިހާބުވި ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދު ދެއްވައިފިއެވެ.
ނިއުގެ އެކްސްކޯއަށް މެމްބަރުން އިންތިޚާބު ކުރުމަށް މިރޭ ސޯލްޓް ކެފޭ ރެސްޓޯރެެންޓްގައި ކުރިއަށްގެންދިޔަ ކޮންގްރެސްއަށް ފަހު، ޗެއާމަން ޒިޔާދު ވިދާޅުވީ މިމަހުގެ މެދު ތެރޭގައި ވަރަށް ހާއްސަ ކުޅުންތެރިއެއް އެ ޓީމާ ގުޅޭނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވި ވަރަށް ގިނަ ކީ ކުޅުންތެރިން މިހާރު އެވަނީ ޓީމާއި ގުޅިފަ. އަދި ވަރަށް ހާއްސަ ކުޅުންތެރިއަކު މިމަހުގެ 15 ނުވަތަ 16 ވަނަ ދުވަހު އަޅުގަނޑުމެނަށް ސޮއި ކުރާނެ. ވަރަށް ފުރިހަމަ ރަސްމިއްޔާތެއްގައި އެކަން ފާހަގަކުރާނެ،" ޒިޔާދު ވިދާޅުވިއެވެ.
މިއަހަރުގެ ސީޒަން އަންނަ މަހު 16 ވަނަ ދުވަހު ފެށުމަށް އެފްއޭއެމްއިން ނިންމާފައިވާއިރު ދަގަނޑޭ ފިޔަވައި ރާއްޖޭގެ ނަން މަޝްހޫރު އެހެން ހުރިހާ ކުޅުންތެރީން މިހާރު ވަނީ ޓީމްތަކާ ގުޅިފައެވެ. ކުރިއަށް އޮތް ސީޒަނުގައި ދަގަނޑޭ ކުޅޭނެ ޓީމެއް އަދި އިއުލާނު ނުކުރި ނަމަވެސް އޭނާ އެންމެ ފަހުން ކުޅުނު މާޒިޔާ އާއި ނިއު އިން އޭނާއާ އަންނަނީ މަޝްވަރާ ކުރަމުންނެނެވެ.
ނިއުއާއި ގުޅޭނެ އެ ހާއްސަ ކުޅުންތެރިޔާގެ ނަން އެ ކްލަބުން އަދި ހާމަނުކުރި ނަމަވެސް 'ސަން ސްޕޯޓްސް' ޓީމަށް ކަށަވަރުވެފައިވާ ގޮތުގައި ދަގަނޑޭ މިހާރު ވަނީ ނިއުއެކު އެއްބަސްވުމަކަށް އައިސް އަންނަ ސީޒަނުގައި ނޫ ޖާޒީގައި ކުޅުމަށް ނިންމާފައެވެ.
ވެލެންސިއާ އިން 2001 ވަނަ އަހަރު ކެރިއަރު ފެށި ދަގަނޑޭ ވަނީ 2014 ވަނަ އަހަރު މެލޭޝިއާގެ ޕީޑީއާރްއެމްއާ ގުޅުމުގެ ކުރިން ނިއު ރޭޑިއަންޓްގައި ކާމިޔާބު ސީޒަނެއް ނިންމާލާފައެވެ. އޭނާ ރާއްޖޭގައި ކުޅުނު ފަހު ސީޒަނުގައި، 2013 ގައި ނިއު އިން ހުރިހާ މެޗަކުން މޮޅުވެ ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި އެވެ. އަދި އެ ފަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުން ނިއު ޖާގަ ހޯދިއިރު އެ ކާމިޔާބީތަކުގައި ދަގަނޑޭގެ ހިއްސާ ވަރަށް ބޮޑުކަން ފާގަކޮށްލަން ޖެހެއެވެ.