07 Jan 2017, 00:17
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް، ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކަނޑައަޅާ އަމާޒަކީ، އެޓީމް ކުޅޭ ހުރިހާ މުބާރާތެއް ކާމިޔާބުކުރުން ކަމަށް ނިއުއަށް އަލަށް އިންތިހާބުކުރި ޗެއާމަން ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.
ނިއުގެ ހިންގާ ކޮމިޓީގެ އަށް މެމްބަރުން އިސްތިއުފާ ދިނުމާ ގުޅިގެން މިރޭ ބޭއްވި އެ ކްލަބްގެ ކޮންގްރެސްއަށް ފަހު އެ ކްލަބްގެ އެކްސްކޯގެ ޗެއާމަންގެ މަގާމަށް ވަނީ ޒިޔާދު އައްޔަނުކޮށްފައެވެ.
ޖެނުއަރީ 6، 2016: ނިއުގެ ހުސްވެފައިވާ ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިހާބް ކުރުމަށް ބޭއްވި ރަސްމިއަޔާތިގެ ތެރެއިން---ސަން ފޮޓޯ/ އަފްރާހް
ކޮންގްރެސްއަށްފަހު ވާހަކަފުޅު ދައްކަވަމުން ޒިޔާދު ވިދާޅުވީ، މިދިޔަ ސީޒަނުގައި ނިއު ބަލިކަށިކޮށް ފެނުނު ނަމަވެސް މިސީޒަނުގައި އެޓީމް ފެނިގެން ދާނީ ވަރުގަދަކޮށް ކަމަށާއި އަމާޒަކީ ހުރިހާ މުބާރާތެއް ވެސް ކާމިޔާބު ކުރުން ކަމަށެވެ.
"މިދިޔަ އަހަރުގެ މުޅި ސްކޮޑާއި ނެރުނު ނަތީޖާއަށް ބެލިކަމުގައި ވަނީ ނަމަވެސް ނިއު ރޭޑިއަންޓް ފެނިގެން ގޮސްފައިވަނީ ވަރަށް ބަލިކަށިކޮށް. ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ގަދަ ބާރު ނިއު ރޭޑިއަންޓް އޮންނަން ޖެހޭ ހިސާބެއްގައެއް ނޫން އޮތީ ސީޒަން ނިމުނުއިރު ވެސް،" ޒިޔާދު ވިދާޅުވިއެވެ.
ޖެނުއަރީ 6، 2016: ނިއުގެ ހުސްވެފައިވާ ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިހާބް ކުރުމަށް ބޭއްވި ރަސްމިއަޔާތިގެ ތެރެއިން---ސަން ފޮޓޯ/ އަފްރާހް
ޒިޔާދު ވިދާޅުވީ، އޭނާއާއި އޭނާގެ ޓީމުން ނިއުގެ ބޯޑާ ރަސްމީކޮށް މިރޭ ހަވާލުވި ނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި ވާނީ ކްލަބާއެކު ވަރަށް މުހިންމު މަސަތްކަތްތަކެއް ކޮށް ސްކޮޑް އެކުލަވާލުމުގެ ބޮޑު ބައި ނިންމާފައި ކަމަށެވެ.
"އަޅުގަނޑުމެން ޓީމާއި ހަވާލުވީ ޓީމް އޮތް ހާލަތު ވަރަށް ރަނގަޅަށް އެގިތިބެ ރާއްޖޭގެ އެއްވަނަ ކްލަބްގެ މަގާމަށް އަލުން ނިއު ރޭޑިއަންޓް ގެނައުމުގެ ފުރިހަމަ ޔަގީން ކަމާއި އެކު،" ޒިޔާދު ވިދާޅުވިއެވެ.
މި ފަހަކަށް އައިސް ނިއު ރޭޑިއަންޓް އެންމެ ވަރުގަދަކޮށް ފެނުނީ އަލީ ވަހީދުގެ ޗެއާމަން ކަމުގެ ދަށުން 2012 އިން 2014 ވަނަ އަހަރާހަމައަށެވެ. އޭގެ ފަހުން މިދިޔަ ސީޒަނުގައި ނިއު ފެނިގެންގޮސްފައި ވަނީ ވަރަށް އާދައިގެ ކްލަބެއްގެ ގޮތުގައެވެ.