ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކޭފް) އިން ހޮވާ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު، ލެސްޓާ ސިޓީގެ އެޓޭކިން މިޑްފީލްޑަރު ރިޔާދް މަހުރޭޒަށް ލިބިއްޖެއެވެ.

ލެސްޓާ ސިޓީއަށް މިދިޔަ ސީޒަންގެ ޕްރިމިއަ ލީގު ކާމިޔާބުކޮށްދިނުމަށް އެހީތެރިވި، އަލްޖީރިއާގެ އުމުރުން 25 އަހަރުގެ މަހްރޭޒަށް ވަނީ، ކޭފް އެވޯޑްގެ އިތުރުން ޕީއެފްއޭ ޕްލެޔާ އޮފްދަ އިޔާ އެވޯޑާއި، ބީބީސީ އެފްރިކަން ޕްލެޔަރ އޮފްދަ އިޔަރ އެވޯޑްވެސް ލިބިފައެވެ.

އެފްރިކާގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރީޔާގެ މަގާމަށް ހޮވުނީ، މިދިޔަ އަހަރު އެއްވަނަ ހޯދި، ޖަރުމަނުގެ ބޮރުޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ގެބޯންގެ ފޯވާޑް ޕިއެރޭ-އެމަރިކް އޮބަމަޔޮންއެވެ. އަދި ތިން ވަނަ ހޯދީ، ލިވަޕޫލަށް ކުޅެމުން އަންނަ ސެނެގާލް ފޯވާޑް ސާޑިއޯ މާނޭއެވެ.

މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދުމަށްފަހު މަޚްރޭޒް ވާހަކަ ދައްކަނީ --- ފޮޓޯ: އޭޕީ

"މިފަދަ ބޮޑު އެވޯޑެއް ހާސިލްކުރުމަކީ އެހާ ފަސޭހަކަމެއް ނޫން،" މަހްރޭޒް ބުންޏެވެ.

"ވަރަށް މޮޅު ދެ ކުޅުންތެރިއަކާ ވާދަކޮށް މި އެވޯޑް ހާސިލްކުރެވުމުން އަހަރެން ވަރަށް ބޮޑަށް އުފާވޭ.

"މިދިޔަ ސީޒަނަކީ އާދަޔާ ޚިލާފު ސީޒަނެއް. އަހަރެމެންނަށް އެނގޭ އެކަންކަން ތަކުރާރު ނުކުރެވޭނޭކަން. އަދި އަހަރެން ގަބޫލުކުރާ ގޮތުގައި ލެސްޓާ ފަދަ ކުޑަ ޓީމަކަށް އެކަން ތަކުރާރެއް ނުކުރެވޭނެ." 1992 ވަނަ އަހަރު ކޭފްގެ މެންބަރެއްގެ ގޮތުގައި އަލްޖީރިއާ ރެޖިސްޓްރީ ވީ ފަހުން، އެ އެވޯޑް ހާސިލް ކުރި، އަލްޖީރިއާއަށް ނިސްބަތްވާ އަދި އުތުރު އެފްރިކާއަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާ ބުންޏެވެ.

އެފްރިކާގެ އެންމެ ޒުވާން މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ، އާސެނަލަށް ކުޅެމުން އަންނަ އުމުރުން 20 އަހަރުގެ ނައިޖީރިއާ ފޯވާޑް އެލެކްސް އިވޮބީއެވެ. އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ، މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އުމުރުން 20 އަހަރުގެ ނައިޖީރިއާ ފޯވާޑް ކެލެޗީ އިލެނަޗޯއެވެ.

އެފްރިކާގައި ކުޅޭ އެންމެ މޮޅު އެފްރިކަން ކުޅުންތެރިޔަކަށް ހޮވުނީ، ސައުތު އެފްރިކާގެ މަމެލޮޑީ ސަންޑައުންސްގެ ގޯލް ކީޕަރު ޑެނިސް އޮންޔަންގޯ، 31. އެވެ. އަދި އެފްރިކާގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ، ނައިޖީރިއާގެ ފޯވާޑް އުމުރުން 22 އަހަރުގެ އަސިސަތު އޮޝޯލާއެވެ. މިއީ އޮޝޯލާ އެ މަގާމު ހޯދި ދެވަނަ ފަހަރެވެ.