ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ޗައިނާގެ އެކްޕޯޓް އިމްޕޯޓް (އެގްޒިމް) ބޭންކްގެ ރައީސް ލިއު ލިއާންގއާ ބައްދަލު ކުރައްވައިފި އެވެ.

މިނިސްޓަރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގްޒިމް ބޭންކުގެ ރައީސް އާ މިއަދު ބައްދަލު ކުރައްވާފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތަށް އެ ބޭންކުން ދީފައިވާ ލޯން އެހީގެ މުހިއްމު ކަމާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވި އެވެ.

އެ ބައްދަލު ކުރެއްވުމުގައި އެގްޒިމް ބޭންކުގެ ރައީސް ވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެ ބޭންކުން އެއްބާރުލުން ލިބޭނެ ކަން ހާމަ ކުރައްވައިފައެވެ.

އެގްޒިމް ބޭންކުން 2015 ވަނަ އަހަރުގެ ފަހުކޮޅު ވަނީ ރާއްޖޭގެ އެއާޕޯޓު ތަރައްގީ ކުރުމަށް 373 މިލިއަން ޑޮލަރުގެ ލޯނު އެހީ ދީފައެވެ.

ފޮރިން މިނިސްޓަރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޗައިނާގެ ފޮރިން މިނިސްޓަރާވެސް ވަނީ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލު ކުރެއްވުމުގައި ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔީ ވަނީ ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ދިވެހި ސަރުކާރުން ހިންގަވާ މަޝްރޫއުތަކަށް ޗައިނާގެ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް ދެއްވަމުން ގެންދަވާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި، ހާރިޖީ ގުޅުންތަކާއި ބައިނަލްއަގްވާމީ އަދި ސަރަހައްދީ މައްސަލަތަކާ މެދުވެސް މަޝްވަރާ ކުރައްވާފައިވެ އެވެ.

މިނިސްޓަރު އާސިމް ޗައިނާއަށް ވަޑައިގަތީ މިދިިޔަ ބުދަ ދުވަހުއެވެ. އެ ދަތުރުފުޅަކީ، ޑރ. އާސިމް ފޮރިން މިނިސްޓަރުގެ މަގާމާ ހަވާލުވެ ވަޑައިގެން ފަހުން ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.