ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ރާއްޖޭގެ ބާޒާރަށް އެތެރެކޮށް ވިއްކަމުން ގެންދާ ޕެޓްރޯލްގެ އަގު މިއަދުން ފެށިގެން 30 ލާރި ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ، އެ ކުންފުނިން ރާއްޖެ އެތެރެކޮށްގެން ވިއްކާ ޕެޓްރޯލްގެ އަގަށް ބަދަލުގެންނަން ޖެހުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔުމާއި ގުޅިގެން ކަމަށެވެ.

"ކުރީން ޕެޓްރޯލް ވިއްކާ އަގު އެސްޓީއޯއިން ބޮޑުކުރަން ނިންްމައިފިއެވެ. މިގޮތުން 06 ޖަނަވަރީ 2017 އިން ފެށިގެން ޕެޓްރޯލް ލީޓަރަކުން 0.30 ލާރި ބޮޑުވާނެއެވެ." އެސްޓީއޯގެ ބަޔާޔެއްގައި ވެއެވެ.

އެހެން ކަމުން ހުކުރު ދުވަހުން ޕެޓްރޯލް އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 9.35 ރުފިޔާ އަށެވެ.

އެސްޓީއޯއިން ޕެޓްރޯލްގެ އަގަށް ބަދަލު ގެނައި ނަމަވެސް، އެ ކުންފުނިން ވިއްކާ ތެލުގެ އެހެން ބާވަތްތަކުގެ އަގަށް ބަދަލު ގެނެސްފައެއް ނުވެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑް މިންވަރަކަށް ދަށްވެ، އޭގެން ގައުމުތަކަށް ލިބޭ ނަފާއަށްވުރެ ބޮޑަށް ގެއްލުން ލިބެމުންދާތީ ތެލުގެ އަގު އެއް ހަމައެއްގައި ހިފެހެއްޓުމުގެ ގޮތުން، އޯގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް) އޯޕެކާއި އަދި އެ ޖަމިއްޔާގައި ނުހިމެނޭ 11 ގައުމަކުން ވެސް ވަނީ، ތެޔޮ އުފައްދާ މިންވަރު މަދު ކުރުމަށް އެއްބަސްވެފައެވެ.