އެގާރަ އަހަރު ދުވަހުގެ މުއްދަތަކަށް އިނގިރޭސި ކްލަބު ޗެލްސީއަށް ކުޅުމަށްފަހު ނައިޖީރިއާ މިޑްފީލްޑަރު ޖޯން އޮބި މިކޭލް ޗައިނާގެ ޓިއަންޖިން ޓީއީޑީއޭ އެފްސީއާ ގުޅިއްޖެއެވެ.

ހަބަރުތައް ބުނާ ގޮތުގައި، ޗައިނާގެ ކްލަބުން މިކޭލްއަށް ހަފްތާއަކު 140،000 ޕައުންޑްގެ މުސާރައެއް ލިބޭނެ ކަމަށެވެ. އޭނާ އެކްލަބާ ގުޅިފައިވާއިރު، މިސީޒަނުގައި ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ޓީމުން އޭނާއަށް ޖާގަ ލިބިފައެއް ނުވެއެވެ.

ޗައިނާގެ ޓިއަންޖިން ޓީއީޑީއޭއާ މިކޭލް ގުޅުނުއިރު، ދާދި ފަހުން ޗެލްސީގެ ބްރެޒިލް މިޑްފީލްޑަރު އޮސްކާ ވެސް ވަނީ ޗައިނާގެ ކްލަބަކާ ގުޅިފައެވެ. އޮސްކާ ގުޅުނީ ޗައިނާގެ ޝަންހާއީ އެސްޕީއައިޖީއާއެވެ.

އުމުރުން 29 އަހަރުގެ މިކޭލް ވަނީ ޗެލްސީގެ ސަޕޯޓަރުންނާއި ކުޅުންތެރިން އަދި ކޯޗިން ސްޓާފުންނަށް ރައްދުކޮށް، ސިޓީއެއް ފޮނުވައިފައެވެ.

ނައިޖީރިއާ މިޑްފީލްޑަރު ޖޯން އޮބި މިކެލް ޗެލްސީއާއެކު ޗެމްޕިއަންސް ލީގު ޓްރޮފީ އުފުލާލަނީ: އޭނާ ވަނީ 11 އަހަރަށްފަހު ޗެލްސީ ދޫކޮށްލާފައި ---

އެސިޓީގައި އޭނާ ބުނީ، އަލްވަދާއު ކިޔަނީ އިނގިރޭސި ޗެމްޕިއަނުން އަދި ޔޫރަޕްގެ ވެސް ޗެމްޕިއަނުންނަށް ކަމަށާއި ނައިޖީރިއާގެ ގައުމީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހުރެ ފަހުރުވެރިވާ ކަމަށެވެ.

"އިނގިރޭސި ޕްރިމިއާ ލީގަކީ ދުނިޔޭގެ އެންމެ ވަރުގަދަ ލީގު. އެ ލީގަށް ކުޅެން ކޮންމެ ކުޅުންތެރިޔަކު ވެސް ބޭނުންވާނެ. ޗެލްސީއަށް ކުޅުމާއި ޗެލްސީގެ މެންބަރަކަށްވެ، ދުނިޔޭގެ އެންމެ މޮޅެތި ކޯޗުންނާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުމުން ވަރަށް ފަހުރުވެރިވަން. ކްލަބުގެ މެނޭޖްމަންޓްގެ އެހީތެރިކަމާ ނުލައި މިހުރިހާ ކަމެއް މިގޮތަށް ނުވީސް. ޗެލްސީގެ ވެރިޔާ އަބްރަމޮވިޗް އާއި ކްލަބުގެ ސްޓާފުންނާއި، ކޯޗުންނާއި، ޑޮކްޓަރުން އަދި ކޯޗުންނަށް ވެސް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން،" އޭނާގެ ސިޓީގައި ލިޔެފައިވެއެވެ.

ސިޓީގައި މިކޭލް ބުނީ، އެންމެ ހާއްސަ ޝުކުރެއް އަދާކުރަން ބޭނުންވަނީ ސަޕޯޓަރުންނަށް ކަމަށާއި ޗެލްސީ އާއިލާ ތެރެއިން ޖާގަދީ، އޭނާގެ ނަން ބޭނުންކޮށްގެން ލަވަތައް ގެނެސްދިން ބަޔަކީ ސަޕޯޓަރުން ކަމަށެވެ. އަދި މިއުނިކްގައި ކުޅުނު މެޗާއި އެފަދަ މެޗުތަކުގައި ދިން ތަރުހީބަށް ސަޕޯޓަރުންނަށް ޝުކުރު އަދާކުރާ ކަމަށް ވެސް އޭނާގެ ސިޓީގައި ލިޔެފައިވެއެވެ.

ނޯވޭގެ އެފްކޭ ލީންއަށް ކުޅުމަށްފަހު، 2006 ވަނަ އަހަރު ޗެލްސީއާ ގުޅުނު މިކޭލް ވަނީ ޗެލްސީގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ޗެލްސީއާއެކު އޭނާ ވަނީ ދެ ފަހަރު ޕްރިމިއާ ލީގާއި، ހަތަރު ފަހަރު އެފްއޭ ކަޕާއި، ދެ ފަހަރު ލީގު ކަޕާއި، އެފްއޭ ކޮމިއުނިޓީ ޝީލްޑްއަކާއި، ޔޫއެފާ ޗެމްޕިއަންސް ލީގެއް އަދި ޔޫއެފާ ޔޫރޮޕާ ލީގެއް ވެސް ކާމިޔާބުކޮށްފައެވެ.