06 Jan 2017, 10:17
އުފަންވިއިރު ތުންފަތް ތިރީގައި ކުޑަ ލޯވަޅެއް ހުއްޓެވެ. ޑޮކްޓަރުން ބުނީ އެއީ އެއްވެސް ކަމެއް ނޫން ކަމަށެވެ. ނަމަވެސް ދުވަހުން ދުވަހަށް އެތަން ބޮޑުވެގެން ދިޔައީއެވެ. މިއަދު އުމުރުން ތިން އަހަރުވުމާ ގާތްވެފައިވާ ޒަކްވާން ބިން އުސާމަތު އަލީ، މ. ފެމްލެޓް 2، އަށް އެކަން ވެފައި ވަނީ ބޮޑު ވޭނަކަށެވެ. މޫނުގެ ވާތް ފަޅިއަށް، އާޓީރިއޯވީނަސް މަލްފޯމޭޝަން (އޭވީއެމް) ޖެހިފައި ހުރުމުން އެ މައުސޫމް ކުއްޖާއަށް ވަނީ ވޭންދެނިވި ކަންތައްތަކެއް ތަހައްމަލް ކުރަންޖެހިފަ އެވެ.
އޭވީއެމްއަކީ އުފެދުމުގައި ހުންނަ މައްސަލައެކެވެ. އާޓީރިއޯވީނަސް މަލްފޯމޭޝަން ނުވަތަ އޭވީއެމްއަކީ، ލޭ ހޮޅިތަކާއި ނާރުތައް އުފެދުމުގައި ބަލިކަށިވެ އައިބުކޮށް ހުރުމެވެ. އާދައިގެ ލޭ ހޮޅި ނުވަތަ ނާރުތަކަށް ވުރެ މިފަދަ ނާރުތަކުން ލޭ ފޭބުން ނުވަތަ ލޭ އައުމުގެ ފުރުސަތު ބޮޑެވެ. ހަށިގަނޑުގެ ކޮންމެ ތަނެއްގައި ވެސް އޭވީއެމް ފާޅުވެދާނެ އެވެ. އެގޮތުން ސިކުނޑީގެ އޭވީއެމަކީ އެންމެ ކަންބޮޑުވާ ވައްތަރުގެ އޭވީއެމެވެ. ސަބަބަކީ ސިކުނޑިއަށް އެފަދަ ނާރެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅި ލިބިދާނެ ގެއްލުމެއްގެ ސީރިއަސް ކަމުންނެވެ.

ޒަކްވާންގެ މޫނުގެ ވާތްފަޅިއަށް ވަނީ އޭވީއެމްގެ އަސަރު ވަރަށް ބޮޑަށް ކޮށްފަ އެވެ. ދަތްދޮޅި އާއި ކޮލާއި ހިރުގަނޑުގެ އިތުރުން ދުލަށްވެސް އެއަސަރުކޮށްފައިވެ އެވެ. އެހެންކަމުން ޒަކްވާންގެ މޫނުގެ ވާތްފަޅީގެ ބޮޑުބައެއް ދުޅަވެ އައިބު ކަމެއް ފެންނަން ހުރެ އެވެ. އަދި ތުންފަތް އާދަޔާއި ހިލާފަށް ހުންނަނީ ދުޅަވެފަ އެވެ. ދޭތެރެ ދޭތެރެއިން ތުންފަތުން އިންތިހާއަށް ލޭ އަންނަން ފަށަ އެވެ.
ޒަކްވާންގެ މަންމަ ފާތިމަތު ކުލްޝޫމާ ބުނި ގޮތުގައި އެކަމުގެ ސަބަބުން ޒަކްވާނަށް ކާންދޭން ޖެހެނީ މުގުރާފައި ހުންނަ ތަކެތި ކަމަށެވެ. ހަމައެއާ އެކު ވާހަކަ ދެއްކުމުގައި ދަތިތަކެއް ހުންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
ޒަކްވާންގެ އުމުރުން ހަ މަހުން ފެށިގެން އެކަންތައް ފާހަގަ ކުރެވުމުން އެކަމަށް ފަރުވާދޭން ވަނީ ފަށައިފަ އެވެ. ފުރަތަމަ އިންޑިއާއިން ފަރުވާދެމުން ގޮސް 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ވަނީ ލަންކާ ހޮސްޕިޓަލުން ފަރުވާ ހޯދަން ފަށައިފަ އެވެ.

ޒަކްވާން އޭނާގެ ބޭބެއާއި ދައްތައާއެކު--
"އޭރު ބުނަނީ އެއީ ލޭލަފެއް ކަމަށް، ފުރަތަމަ އިންޑިއާ އިން ފަރުވާ ދިނީ ހިމެންޖިއޯމާ އޭ ކިޔަފައި، ލަންކާއަށް އައިސް ދެއްކުމުން އިނގުނީ އޭވީއާރުއެމް ކަމަށް،" ތިން ކުދިންގެ މަންމަ ކުލްސޫމާގެ ހަގުދަރީގެ ހާލަތު ކިޔައިދެމުން ބުންޏެވެ.
މިހާރު ޒަކްވާން އަށް ރާއްޖެ އިން ބޭރުން ފަރުވާދޭތާ ވަނީ ފަސް ފަހަރުވެފަ އެވެ. ކުލްޝޫމާ ބުނި ގޮތުގައި ޑޮކްޓަރުންގެ ލަފަޔަކީ ކޮންމެ ތިން މަހަކުން ރާއްޖެ އިން ބޭރަށްގޮސް ފަރުވާދިނުން ކަމަށެވެ.
"ތިން މަހުން ތިންމަހުން އަންނަން ބުނެފަ އޮތީ، ތިން މަހުން އެއްފަހަރު ސިލިއޯ ތަރަޕީ [ހޭނައްތައިގެން ދޭ ފަރުވާއެއް] ދީގެން ކުޑަކުރެވޭނެ ކަމަށް ޑޮކްޓަރު ބުނަނީ،" ކުލްޝޫމާ ބުންޏެވެ.
ޑޮކްޓަރުންނާ ހަވާލާދީ ކުލްޝޫމާ ބުނި ގޮތުގައި ޒަކްވާންއަށް މިހާރުން މިހާރަށް ދެވޭނެ ބޮޑު ފަރުވާއެއް ނެތެވެ. ތިން މަހުން ތިން މަހުން ސިލިއޯ ތެރަޕީ ދެމުންގޮސް އޭނާގެ އުމުރުން 10 އަހަރުވުމުން އޮޕަރޭޝަނެއްކޮށްގެން ހައްލެއް ގެނެވުމުގެ އުންމީދު އެބަ އޮތްކަމަށް ކުލްޝޫމާ ބުންޏެވެ.

ޒަކްވާންއަށް ރާއްޖެ އިން ފަރުވާ ނުދެވޭތީ ރާއްޖެ އިން ބޭރުން ފަރުވާ ދިނުމަށް އާސަންދަ ލިބެ އެވެ. ފަރުވާއަށް ކޮންމެ ތިން މަހަކު ލަންކާއަށް ގޮސް ތިން ހަފްތާވަރު މަޑުކުރަންޖެހެ އެވެ. އެއާއެކު އަތުން ކުރަން ޖެހޭ ހޭދަ ބޮޑުވުމަކީ ޒަކްވާންގެ ފަރުވާއަށް އޮތް ގޮންޖެހުމެކެވެ.
"އާސަންދައިން ނުލިބޭ ބައެއް އިންޖެކްޝަންތައް ވެސް ގަންނަން ޖެހޭ، ކެއުމާއި ހުރުމަށް ވެސް ހަރަދު ދޭ، ކޮންމެ ފަހަރަކު ގާތްގަނޑަކަށް 2000 ޑޮލަރު(30840ރ.) ހަރަދުވޭ،" ކުލްޝޫމާ ބުންޏެވެ.
ކޮންމެ ތިން މަހަކުން ކުރަން ޖެހޭ ދަތުރަކަށް 30000 އަށްވުރެ ގިނަ ރުފިޔާ ކުރަން ޖެހުމަކީ އެކުޑަކުޑަ އާއިލާއަށް އޮތް ބޮޑު ބުރައެކެވެ. ކުޑަކުޑަ ޒަކްވާންއަށް ފަރުވާ ދިނުމަށް އާއިލާއިން އިންތިހާ އަށް ބޭނުންވެ އެވެ. އާއިލާގެ އެދުމަކީ ދީލަތި އެހީއެކެވެ.
ޒަކްވާންއަށް އެހީވުމަށް:
ކުލްޝޫމާ: 9882926
އެކައުންޓް: އުޝާމަތު އަލީ
7704235926001 MVR
7704235926101 USD
ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެ އެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.
އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް 9992747 ނުވަތަ 9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ. މެއިލް ކުރައްވާ ނަމަ ކުރައް ވާނީ[email protected]އަށެވެ.