މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކަމަށް މާފަންނު އަރާރޫޓްވިލާ ޠަލްޙަތު އިބްރާހީމް ކަލޭފާނު މިއަދު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ޢައްޔަން ކުރައްވައި އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.

މި ރަސްމިއްޔާތު އޮތީ، މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. ޠަލްޙަތު އިބްރާހީމް ކަލޭފާނު މިހާތަނަށް ހުންނެވީ، މިނިސްޓަރު އޮފް ސްޓޭޓް ފޮ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކަމުގެ މަގާމުގަ އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޠަލްޙަތު އިބްރާހީމް ކަލޭފާނަކީ، މިމަގާމަށް ވަރަށް އެކަށީގެންވާ ބޭފުޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އަދި ޠަލްޙަތަކީ ސިފައިންގެ ތަޖްރިބާ ލިބިވަޑައިގެން ހުންނެވި ރަނގަޅު އަޚްލާޤެއްގެވެރި، ދެގޮތެއްނުވާ ޢަޒުމެއްގައި ދެމިހުންނެވި ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.

ޠަލްޙަތު އިބްރާހީމް ކަލޭފާނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، އެމަނިކުފާނު ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފުގެ ކުރިފުޅުމަތީގައި ކުރެއްވި އެވެ. ހުވާ ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވި އެވެ.

ޠަލްޙަތު އިބްރާހީމް ކަލޭފާނަކީ، މީގެކުރިން 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެންއެސްއެސްގައި ޚިދްމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން، އެން.އެސް.އެސް ގެ ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސަރޖަންޓް ކަމާއި، ސްޓާފް ސަރޖަންޓްކަމާއި، ވޮރަންޓް އޮފިސަރ ގްރޭޑް 1ގެ ރޭންކްގައި ޚިދްމަތް ކުރައްވާފައިވެ އެވެ. އަދި ލެފްޓެނަންޓް ކަމުގެ ރޭންކާއި، ފަސްޓް ލެފްޓެނަންޓް ކަމުގެ ރޭންކްގައިވެސް ޚިދްމަތް ކުރައްވާފައިވެ އެވެ.