06 Jan 2017, 10:17
ވޭތުވެދިޔަ 2016 ވަނަ އަހަރު ޝަރުއީ ކޯޓުތަކުން 20،000 އަށްވުރެ ގިނަ މައްސަލަ ނިންމައިފި އެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިއްޔެ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން 2015 ވަނަ އަހަރާ އަޅައިބަލާއިރު ވޭތުވެދިޔަ އަހަރު ގިނަ އަދަދެއްގެ މައްސަލަ ވަނީ ނިންމާފައެވެ. މިހާތަނަށް އެންމެ ގިނަ މައްސަލަ ނިންމި އަހަރަކީ މިދިޔަ އަހަރު ކަމަށްވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.
އޭގެ އިތުރުން މިދިޔަ އަހަރަކީ މިހާތަނަށް ކޯޓުތަކަށް އެންމެ ގިނަ މައްސަލަ ހުށަހެޅުނު އަހަރު ކަމަށްވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ. 2015 ވަނަ އަހަރުގެ ނިޔަލަށް ދަށު ކޯޓުތަކަށް 17712 މައްސަލަ ހުށަހަޅާފައިވާއިރު މިދިޔަ އަހަރު 20116 މައްސަލަ ވަނީ ހުށަހަޅާފައެވެ.

2015 ވަނަ އަހަރު ދަށު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދަށް ވުރެ 2016 ވަނަ އަހަރުގެ ނިޔަލަށް ދަށު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު ދަށް ކުރެވިފައިވާ ކަމަށް ޖުޑީޝަލް އެޑްމިނިސްޓޭޝަނުން ވަނީ ބުނެފައެވެ.
ހަމަ އެއާއެކު އެއްއަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައްވެސް މިހާރު ވަނީ ވަރަށް ބޮޑަށް ދަށްކޮށްފައެވެ. އެގޮތުން މިހާރު ކޯޓުތަކުގައި ހުރީ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 12 ޕަސެންޓް މައްސަލަ ކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
" 2015 ވަނަ އަހަރު ގައި ދަށު ކޯޓުތަކުގައި އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާ 1948 މައްސަލަ ހުރިއިރު، 2016 ވަނަ އަހަރުގެ ނިޔަލަށް ދަށުކޯޓުތަކުގައި ހުރީ އެއް އަހަރަށް ވުރެގިނަ ދުވަސްވެފައިވާ 798 މައްސަލަ" ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.