05 Jan 2017, 17:56
ރާއްޖެ ޓީވީން ބްރޯޑްކާސްޓް ކުރި ކޮންޓެންޓެއްގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަބުރާ ބެހިފައިވާ ކަމަށް ބުނެ، އެ ޓީވީގެ މައްސަލައެއް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަމުންދަނީ މިދިއަ އަހަރު އޮކްޓޫބަރު މަހު 26 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ލައިވްކޮށް ގެނެސްދިން އެމްއޯޔޫގެ ޖަލްސާއެއްގައި މީހަކު ދެއްކި ވާހަކައަކާ ގުޅޭ މައްސަލަ އެކެވެ. އެ ވާހަކަ ދެއްކީ ކޮން މީހެއް ކަމަށް އެ ސިޓީގައި ބުނެފައެއް ނުވެ އެވެ.
އެ މައްސަލައާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީއަށް ވަނީ ޖަވާބު ދާރީވާން އަންގާފަ އެވެ.
އެ ކޮމިޝަނުން ރާއްޖެ ޓީވީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ކުދިކުދި ޕާކުތައް ހެދުން ފިޔަވައި، ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއެއް ނެތް ކަމަށް އެމްއޯޔޫގެ ޖަލްސާގައި ވާހަކަ ދެއްކި މީހާ ބުނި ކަމަށެވެ.
"ކިތައް ބިލިއަން ރުފިޔާތޯ ދިވެހި ދައުލަތުގެ ބައިތުލްމާލުން އޭނާއާ ހަވާލުކުރީ. ވީކަމެއް ނެތް. އަޅުގަނޑުމެންނަށް ޔަގީންވެއްޖެ. ހުރިހާ ކަމެއްގެ ތެރޭގައި ވައްކަން ކުރުމާއި ފަސާދަޔާ އަނިޔާ. މިނޫން އިތުރު އެއްޗެއް ރައްޔިތުންނަށް ދިނީއެއް ނޫން،" އެހެން ބުނެ ކޮންޓެންޓެއް އާންމުކޮށްފައިވާ ކަމަށް ބްރޯކާސްޓިން ކޮމިޝަނުން ރާއްޖެޓީވީއަށް ފޮނުވި ސިޓީގައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނަށް ޖަވާބުދާރީވުމަށް ރާއްޖެޓީވީއަށް ވަނީ ދެ ހަފްތާގެ މުއްދަތެއް ދީފަ އެވެ. ޖަވާބުދާރީ ނުވެއްޖެ ނަމަ ލިބިފައިވާ ހެކިތަކަށް ބަލައި މައްސަލަ ނިންމާނެ ކަމަށް ވެސް ރާއްޖެ ޓީވީއަށް ވަނީ އަންގާފަ އެވެ.
ރާއްޖެޓީވީގެ ނިއުސް ޑިރެކްޓަރު އަލީ ޔޫސުފް ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަމުންދާ މައްސަލައަކީ "ތަރައްގީގެ ވާހަކަތަކެއް" ދައްކާފައިވާ ކޮންޓެންޓެއް އާންމު ކުރުމުން ބަލާ މައްސަލައެއް ކަމަށެވެ. އަދި ތައްރައްގީގެ ވާހަތަކަކީ ސެންސަރުކުރަން ޖެހޭ ވާހަކަތަކެއް ކަމަށް ނުދެކޭ ކަމަށް ވެސް އަލީ ޔޫސުފް ވިދާޅުވި އެވެ.
މީހެއްގެ އަބުރު ކަތިލާ ގޮތަށް ބަޔަކު ލައިވް އިވެންޓެއްގައި ވާހަަކަ ދައްކާނަމަ ރާއްޖެޓީވީން ދައްކަނީ އެބައި ސެންސަރުކޮށްފައި ކަމަށް ވެސް އަލީ ޔޫސުފް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެ މައްސަލަ ބަލާނަމަ ބަލަންޖެހޭނީ އެ ވާހަކަ ދެއްކި މީހާގެ މައްސަލަ ކަމަށެވެ. އެއީ ރާއްޖޭ ޓީވީއާ ދެކޮޅަށް ބެލޭނެ މައްސަލައެއް ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް އަލީ ޔޫސުފް ވިދާޅުވި އެވެ.