05 Jan 2017, 17:24
ރާއްޖޭގެ މައި އެއާޕޯޓް ހިންގަން ޖީއެމްއާރު ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވައިލުމުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދައްކަން ޖެހުނު 271 މިލިއަން ޑޮލަރު ދެއްކުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވިއްކި ބޮންޑުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިންވެސްޓު ކުރުމުން ރާއްޖޭގެ ރަސްމީ ރިޒާވް ވަރަށް ބޮޑަށް ދަށް ވެއްޖެ އެވެ.
ކޮންމެ މަހަކު އެ އޮތޯރިޓީން ނެރޭ އިގްތިސާދީ ރިވިއުގެ ޑިސެމްބަރު މަހުގެ އަދަދުގައި ބުނެފައި ވަނީ ނޮވެންބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ގައި ހުރީ 343.5 މިލިއަން ޑޮލަރު ކަމަށެވެ. އޭގެ ތެރެއިން ބޭނުން ކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ 110.6 މިލިއަން ޑޮލަރު ކަމަށާއި، މަހުން މަހަށް ބަލާއިރު ބޭނުން ކުރެވޭ ރިޒާވް 41 ޕަސެންޓު ދަށްވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.
މަހުން މަހަށް ބަލާއިރު، ބޭނުން ކުރެވޭ ރިޒާވް 41 ޕަސެންޓު ދަށްވެފައިވާއިރު، އަހަރުން އަހަރަށް ބަލާއިރު އެ އަދަދު ވަނީ ނޮވްމެބަރު މަސްތެރޭގައި 46 ޕަސެންޓަށް ދަށްވެފައެވެ.
"މީގެ މައިގަނޑު ސަބަބަކީ މި މުއްދަތުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުންޏަކުން ވިއްކާފައިވާ 140 މިލިއަން ޑޮލަރުގެ ކޯޕަރޭޓް ބޮންޑެއްގައި އެމްއެމްއޭ އިން އިންވެސްޓްކުރުމާ ގުޅިގެންނެވެ،" މިއަދު ނެރުނު އިގްތިސާދީ ރިވިއުގައިވެ އެވެ.
މި ބޮންޑް ވިއްކާފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ. ޖީއެމްއާރަށް ދައްކަން ޖެހޭ 271 މިލިއަން ޑޮލަރުގެ ދަރަނި އެއްކޮށް އެ ކުންފުނިން ދައްކާފައިވާއިރު، އޭގެ ތެރެއިން 140 މިލިއަން ޑޮލަރު ދެއްކީ މި ބޮންޑެއް ވިއްކައިގެންނެވެ. މި ބޮންޑު ގަތީ އެމްއެމްއޭ އިންނެވެ.
އެމްއެމްއޭއިން އެ ބޮންޑް ގަތީ ތިން އަހަރުން އަނބުރާ ދައްކާ ގޮތަށް، 4.9 ޕަސެންޓުގެ އިންޓަރެސްޓް ރޭޓެއްގަ އެވެ. އެމްއެމްއޭ އިން ބުނި ގޮތުގައި އެ އޮތޯރިޓީން ދައްކާ ފައިސާ ޑޮލަރުގެ ގޮތުގައި އެމްއޭސީއެލް އިން ކޮންމެ މަހަކު، އަނބުރާ ދައްކާނެ އެވެ.