05 Jan 2017, 15:03
އިނގިރޭސި ޕްރިމިއާ ލީގްގައި ބަލިނުވެ އެންމެ ގިނަ މެޗު ހަމަކުރުމަށް ނިކުތް ޗެލްސީ، ޓޮޓެންހަމް އަތްދަށުވެ ރިކޯޑް ގާއިމު ނުކުރެވުނު ނަމަވެސް އެކަމާ ކަންބޮޮޑު ނުވާކަމަށް ޗެލްސީގެ ކޯޗު އެންޓީނިއޯ ކޮންޓޭ ބުނެފިއެވެ.
ލީގްގައި މިހާތަނަށް ބަލިނުވެ އެންމެ ގިނަ މެޗު ހަމަކޮށްފައިވަނީ އާސެނަލް އާއި ޗެލްސީއެވެ. ނަމަވެސް އެންމެފަހުން ލީގުގައި ކުޅުނު 13 މެޗު ކާމިޔާބްކޮށްފައިވާ ޗެލްސީ ރޭ ވަނީ 2-0ގެ ނަތީޖާ އަކުން ޓޮޓެންހަމް އަތްދަށުވެފައެވެ.
ޓޮޮޓެންހަމްގެ ވައިޓް ހާޓް ލޭންގައި ރޭ ކުޅުނު މެޗުގައި އެޓީމުގެ ދެ ގޯލު ވެސް ކަމިޔާބުކޮށްދިނީ އުމުރުން 20 އަހަރުގެ އިނގިރޭސި ފޯވާޑް ޑެލޭ އަލީއެވެ. އެންމެ ފަހުން ޓޮޓެންހަމް ކުޅުނު ފަސް މެޗުން މޮޅުވެފައިވާއިރު ޒުވާން ފޯވާޑް، އަލީ ވަނީ ތިން މެޗުގައި ފަސް ގޯލު ކާމިޔާބުކޮށްފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ކޮންޓޭ ބުނީ ދެރަވަނީ މެޗުން ބަލިވުމުން ކަމަށާއި ރިކޯޑް ނުހެދުމުން އެކަމާ މާބޮޑަށް ދެރަ ނުވާ ކަމަށެވެ.
"ޓޮޓެންހަމަކީ އާދައިގެ ޓީމެކޭ ނުބުނެވޭނެ. އެއީ ވަރަށް ވަރުގަދަ ޓީމެއް. އެކަން އެވަނީ އެޓީމުން ސާބިތުކޮށްދީފަ. އެންމެ ފަހުވަގުތާ ޖެހެންދެން ވެސް އެޓީމް ލީގަށް ވާދަކުރާނެ. އަހަރެމެން އެއްވަނައިގައި މިއޮތީ ކުޅުންތެރިންގެ ބުރަ މަސަތްކަތުން،" ކޮންޓޭ ބުންޏެވެ.
ޗެލްސީ ރޭގެ މެޗުން ބަލިވި ނަމަވެސް އެޓީމު އަދިވެސް އޮތީ ލީގުގެ އެއްވަނައިގައެވެ. ލީގުގައި ކޮންމެ ޓީމެއް ވެސް ވިހި މެޗު ކުޅެފައިވާއިރު އެއްވަނައިގައި ޗެލްސީ އޮތީ 49 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 44 ޕޮއިިންޓް ލިބޭއިރު ތިން ވަނައިގައި ޓޮޓެންހަމް އޮތީ 42 ޕޮއިންޓާ އެކުއެވެ.