މިއަހަރު ތެރޭގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ހުޅުމާލޭގައި ކިޔަވައިދޭން ފަށާނެ ކަމަށް އެ ޔުނިވާސިޓީން ބުނެފިއެވެ.

ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފް މިއަދު ސަން އަށް ވިދާޅުވީ، ޔުނިވާސިޓީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މިއަހަރުގެ ދެވަނަ ސެމިސްޓާގައި ހުޅުމާލޭގައި ކިޔަވައިދޭން ފަށާނެ ކަމަށެވެ.

ހުޅުމާލޭގައި ކިޔަވައިދޭނެ ކޯސްތައް އަދި ނުނިންމާ ކަމަށާއި ބޮޑަށް އިސްކަންދޭނީ އެ އަވަށުގައި ދިރިއުޅޭ ފަރާތްތަކުގެ ބޭނުންތަކަށް ބަލައިގެން ކަމަށްވެސް ފަވާޒު ވިދާޅުވިއެވެ.

ޖާގައިގެ ދަތިކަމުގެ އިތުރުން ލެކްޗަރާއިންގެ ދަތިކަމަކީވެސް ޔުނިވާސިޓީއަށް ދިމާވެފައިވާ މައްސަލައެއް ކަމަށާއި އެކަން ހައްލު ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓު ކަމަށްވެސް ފަވާޒު ވިދާޅުވިއެވެ.

މިއަހަރު ޖެނުއަރީ މަހު 29ގައި ޔުނިވާސިޓީގެ ކިޔެވުން ފަށާއިރު ތިން ހާހެއްހާ ދަރިވަރުން ބައިވެރިވާ ކަމަށްވެސް ފަވާޒު ވިދާޅުވިއެވެ.