އުރީދޫ މޯލްޑިވްސްގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް އަޅައި ނިންމާލައިފި އެވެ.

އުރީދޫން ބުނީ މިހާރު އެ ކޭބަލް ހދ. ކުޅުދުއްފުށީގައި ގާއިމްކޮށްފައިފާ ލޭންޑިންގް ސްޓޭޝަނާ ގުޅުވުމުގެ މަސައްކަތް ވެސް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސް ނިންމާލާފައިވާ ކަމަށެވެ.

އުރީދޫން ބުނީ މަލްޓިމިލިއަން ޑޮލަރުގެ އެ އިންވެސްޓްމަންޓް އުރީދޫ އިން ފަށައިފާވަނީ އެކުންފުންޏަށް ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ލައިސެންސް ލިބުމާ އެކު، ވީހާ އަވަހަކަށް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށްވެސް އެއްފެންވަރެއްގައި ހައިސްޕީޑް އިންޓަނެޓް ފޯރުކޮށްދީ، ރާއްޖޭގެ ވިޔަފާރިތަކާއި މުޖުތަމައުއަށް ޒަމާނީ ޑިޖިޓަލް ފައިދާތައް ހޯދައިދިނުމުގެ މަގްސަދުގައި ކަމަށެވެ.

"ގައުމެއްގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރަށް މުހިއްމު ދައުރެއް އަދާކުރޭ. ޑިޖިޓަލް ގައުމަކަށް ބޭނުންވާ ވަރުގަދަ ޒަމާނީ އިންފްރާސްޓްރަކްޗަރ އެއް ތަރައްޤީ ކުރުމަށް ދިވެހި ސަރުކާރުން އަހަމިއްޔަތުކަން ދީފައިވާއިރު، މި ތަސައްވުރަށް އެއްބާރުލުން ދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް. ނޭޝަންވައިޑް ސަބްމެރިން ކޭބަލްގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގައި އަޅުގަނޑުމެންނަށް އެހީތެރިވެ، އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން،" އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވިއެވެ.

ވިކްރަމް ވިދާޅުވީ، އުރީދޫން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން މިމަހު 15 އަށް، ސަބްމެރިން ކޭބަލްގެ މަސައްކަތްތައް އެއްކޮށް ނިމި، މުޅި ރާއްޖެއަށް ފޯޖީ ޕްލަސްގެ ހިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ސަބްމެރިން ކޭބަލް އިފްތިތާހުކުރުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވިކްރަމް ވަނީ، ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭނުންވާ މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށަކާއި ރިސޯޓްތަކަށް ހައިސްޕީޑް ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމުގެ މުހިންމު ޕްރޮޖެކްޓެއް ވެސް އިއުލާނުކުރައްވާފައެވެ.

އުރީދޫން ބުނީ ހުއާވޭ މެރިން އެޑްވާންސްޑް 100ޖީ ޓެކްނޮލޮޖީ ބޭނުންކުރާ ސަބްމެރިން ކޭބަލް މެދުވެރިކޮށް، އުރީދޫގެ ފޯޖީ ޕްލަސް ނެޓްވޯކް މުޅި ރާއްޖެއަށް ފުޅާކުރެވި، ހައި ސްޕީޑް ބްރޯޑްބޭންޑް ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

އެގޮތުން މުޅި ރާއްޖޭގައި އުރީދޫ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށް ދާއިރު، މުޅިން އަލަށް 40ރަށެއްގައި ފޯޖީ ޕްލަސް ހިދުމަތް މިދިޔަ ހަފްތާގައި ތައާރަފްކޮށްފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

އުރީދޫގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ކޭބަލް އަޅައި ނިންމާފައިވާ އިރު ދެން ކުރިއަށްދާނީ ޓެސްޓިންގެ މަރުހަލާތައް ކަމަށެވެ. އުރީދޫން އަޅާ ސަބްމެރިން ކޭބަލަކީ 1200 ކިލޯމީޓަރު ދިގު ކޭބަލެކެވެ.