05 Jan 2017, 15:01
ހުޅުމާލޭގައި ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޕިކަޕަކުން ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން އެ ޕިކަޕު ދުއްވަން އިން މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށާއި ހައްޔަރުކޮށްފައި ވަނީ 47 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ހިނގި އެ އެކްސިޑެންޓުގައި ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ޕިކަޕުންޖެހި އަނިޔާވެފައި ވަނީ ބަންގްލަދޭޝްގެ ފިރިހެނަކަށެވެ. އޭނާގެ ބޮލަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ އިރު، އޭނާ އަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އޭޑީކޭގައި ދަނީ ފަރުވާ ދެމުންނެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު 'ސަން' އަށް ވިދާޅުވީ އެ މީހާގެ ހާލު މިހާރު ސްޓޭބަލް ކަމަށެވެ.
އެ އެކްސިޑެންޓު ހިނގާފައި ވަނީ ވަގުތީ ލޯކަލް މާރުކޭޓް ސަރަހައްދުގަ އެވެ. ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ޕިކަޕު ބިދޭސީމީހާގެ ގައިގައި ޖެހިގޮސް ކޮންޓުރޯލްވެފައި ވަނީ މަގުގެ އެއްކައިރީގައި ހައްދާފައި ހުރި ގަހެއްގައި ޖެހި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.