ފޮރިން މިނިސްޓަރުކަމުން އިސްތިއުފާދެއްވި ދުންޔާ މައުމޫނަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވަނީ އެކަން ކަށަވަރުކޮށްދެއްވައިފައެވެ.

ފޮރިން މިނިސްޓަރުކަމުން އިސްތިއުފާދެއްވުމަށްފަހު ދުންޔާ ވަނީ މި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަފައެވެ.

އިސްތިއުފާދެއްވުމަށްފަހު ނެރުއްވި ބަޔާނުގައި ދުންޔާ ވިދާޅުވެފައި ވަނީ އެކަމަނާ އިސްތިއުފާދެއްވީ މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭގޮތުން އުފެދުނު ޚިޔާލުތަފާތުވުމަކާ ގުޅިގެން ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ދުންޔާ އައްޔަން ކުރައްވާފައިވާއިރު، ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ވެސް ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމުގައެވެ.

އެ ދެ ބޭފުޅުން ސަރުކާރުގެ މަގާމުގައި ތިއްބެވިއިރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވައިފައެވެ.

ރައީސް މައުމޫން ވިދާޅުވަފައި ވަނީ ދުވަހަކު ވެސް އެމަނިކުފާނު ރައީސް ޔާމީންގެ ސަރުކާރަށް ދެން ތާއީދު ނުކުރައްވާނެ ކަމަށެވެ.