ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އިއްޔެ ޗައިނާއަށް ވަޑައިގެންފި އެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގެ އިންޓަނޭޝަނަލް އެއާޕޯޓުން ޑރ އާސިމަށް މަރުހަބާ ވިދާޅުވީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑރ. މުހައްމަދު ފައިސަލް އާއި ޗައިނާގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންނެވެ.

މިނިސްޓަރު އާސިމް ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ ނައިބު ރައީސް ލީ ޔުއާންޗާއޯ އާއި ފޮރިން މިނިސްޓަރު ވޭންގް ޔީއާ ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން ވަރުގަދަ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އާއި ޗައިނާގެ އެގްޒިމް ބޭންކުގެ އެންމެ އިސް ވެރިޔާއާ ވެސް ޑރ. އާސިމް ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.