21 Jun 2011, 13:08
ރިއާސަތުން ނަން އިއްވެވުމުން ވެސް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ޖަލްސާ ދޫނުކުރައްވައި މަޖިލީހުގައި އިންނެވުމުން، މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް އިއުލާން ކުރައްވައި ޖަލްސާ ނިންމަވާލައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކޮށްފައިވާ މީހަކަށް ދޭ އިނާޔަތުން ބައެއް އުނިކުރުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހެޅުއްވި ބިލްގެ ބަހުސްގެ މަރުހަލާގެ ހެނދުނު ދަންފަޅީގައި މަހުލޫފުގެ ނަން އިއްވައި މަޖިލިސް ދޫކުރައްވައި ވަޑައިގަތުމަށް ރިޔާސަތުން އެންގެވި އެވެ. އަދި އޭނާ މަޖިލީހުގެ ފުލޯއިން ނުކުމެވަޑައިގަތުމަށް ވެސް އެންގެވުމުން ވެސް މަހުލޫފު ނުނިކުންނެވުމުން ހެނދުނުގެ ދަންފަޅީގެ ޖަލްސާ ހުއްޓާލީ 10:20 އެހާކަންހާއިރު އެވެ.
މެންދުރު 11:30ގައި ވެސް މަޖިލީހުގެ ތަޅުން ދޫނުކުރައްވައި މަހުލޫފު މަޖިލީހުގައި އިންނެވުމުން ރިޔާސަތުން އިއުލާން ކުރައްވާފައި ވަނީ ނަން އިއްވާފައިވާ މަހުލޫފު މަޖިލީހުގައި އިންނެވުމުން މިއަދުގެ ޖަލްސާ ދެން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި މިއަދުގެ ޖަލްސާ ނިންމާލެއްވި ކަން އިއުލާންކޮށް ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާ ކަމަށް އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
މަހުލޫފު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހެނދުނުދަންފަޅީގައި މަޖިލީހުގެ ނިޒާމް ގެއްލިގެންދިޔައީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މަޖިލީހުގެ ތަޅުމުގައި އޭނާގެ މަންމައާ ދިމާލަށް "އަވަގުރާނަ" ގޮވުމުން ކަމަށެވެ. އަދި "އަވަގުރާނަ" ގޮވި އަޑު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާއި މަޖިލިސް މެންބަރުންނަށް އަޑު އިވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރިޔާސަތުން ނާޒިމަށް ނަސޭހަތްތެރިވެފައި ނުވާ ކަމަށް މަހުލޫފު ވިދާޅުވި އެވެ.
މިއަދުގެ މަޖިލިސް ޖަލްސާ ހޫނުވެގެންދިޔައީ މުސްތަފާ ހުށަހެޅުވި ބިލާ ގުޅޭ ގޮތުން "ވަރަށް ތާކުންތާކުން ނުޖެހޭ މެންބަރަކު ހުށަހެޅުއްވި ތާކުންތާކުން ނުޖެހޭ ބިލެއް" ކަމަށް މަހުލޫފު ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ހިސާބުންނެވެ.