05 Jan 2017, 11:13
ރާއްޖެއާ ޗަައިނާއާ ދެމެދު ގާއިމުކުރާ ފްރީ ޓްރޭޑް އެގްރިމެންޓާ ގުޅޭ ފަހު މަޝްވަރާތައް އަންނަ މަހު ބެއިޖިންގްގައި އޮންނާނެ ކަމަށް ޗައިނާ ސަފީރު ވިދާޅުވެއްޖެއެވެ.
ދެގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށްޓަކައި ހަތަރު މަޝްވަރާއެއް ބާއްވާފައިވާ އިރު، ނިމިދިޔަ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވީ އެންމެ ފަހު މަޝްވަރާތައް ކަމަށް ދިވެހި ސަރުކާރުން ބުންޏެވެ.
އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ރާއްޖެއިން މަހާއި ޗައިނާއަށް އެކްސްޕޯޓު ކުރުމާ ގުޅޭގޮތުންނެވެ.
އިއްޔެ ޗައިނާ އެމްބަސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަންގް ފޫކަންގް ވިދާޅުވީ މިހާތަނަށް އެފްޓީއޭގެ ހަތަރު ބައްދަލުވުމެއް ބާއްވާފައިވާ އިރު، އެއްބަސްވުމުގައި ހިމަނާނެ ކަންކަމުގެ ބޮޑު ބަޔަކާ މެދު މިހާރު އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށެވެ.
ސަފީރު ވިދާޅުވީ ފެބްރުއަރީ މަހު، ބަހާރު މޫސުމުގެ މުނާސަބާ (ސްޕްރިންގް ފެސްޓިވަލް)އަށް ފަހު، ރާއްޖެއާ އެކު ހަދާ އެފްޓީއޭގެ ފަހު މަޝްވަރާތައް ބެއިޖިންގްގައި އޮންނާނެ ކަމަށެވެ.
"މި އެއްބަސްވުމަކީ ދެގައުމަށް ވެސް މުހިންމު އެއްޗެއް. ދެގައުމުގެ ރައްޔިތުންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި، މުހިންމު ބަދަލުތަކެއް އަންނާނެ. އެމްބަސީއިން ދާނީ މިކަމަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދެމުން،" ސަފީރު ވަންގް ފޫކަންގް ވިދާޅުވިއެވެ.