05 Jan 2017, 12:27
އަލް ގުދުސް (ޖެނުއަރީ 5): އަނިޔާވެފައިވާ ފަލަސްތީން މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލި އިސްރާއީލުގެ ސިފައިންގެ މީހާ ކުށްވެރިވާ ކަމަށް އިސްރާއީލުގެ ކޯޓަކުން ނިންމުމުން، އޭނާ އަށް މާފު ދިނުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގޮވާލައްވައިފި އެވެ.
މިދިޔަ އަހަރުގެ މާޗު މަހު، އުމުރުން 20 އަހަރުގެ އެލޯ އަޒަރިއާ ވަނީ، ޒަހަމްވެފައިވާ 21 އަހަރުގެ އަބްދުލް ފައްތާހު އަލް ޝަރީފްގެ ބޮލަށް ބަޑި ޖަހައި މަރާލައިފަ އެވެ.
އެ މައްސަލައާ ގުޅިގެން އިސްރާއީލުގެ ކޯޓަކުން ވަނީ ޝަރީފްގެ ބޮލަށް އަޒަރިއާ ބަޑި ޖަހާފައި ވަނީ އޭނާ އަށާއި އެތާ ދެން ތިބި މީހުންނަށް ވެސް ޝަރީފްގެ ފަރާތުން އެއްވެސް ނުރައްކަލެއް ނެތީސް ކަމަށް ވުމުން، އެ މައްސަލާގައި އަޒަރިއާ ކުށްވެރިވާ ކަމަށް ބުނެފަ އެވެ. އޭގެ ސަބަބުން އަޒަރިއާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ނަމަވެސް އިސްރާއީލް ސަރުކާރު ކޯލިޝަނުގެ ގިނަ ފަރާތްތަކުގެ އިތުރުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ އަޒަރިއާ އަށް މާފު ދިނުމަށް ގޮވާލައްވާފަ އެވެ.
"އެލޯ އަޒަރިއާއަށް މާފު ދިނުމަށް އަޅުގަނޑު ތާއިދު ކުރަން. މިއީ އަޅުގަނޑުމެން އެންމެންނަށް ވަރަށް އުނދަގޫ އަދި ވަރަށް ވޭންގަދަ ދުވަހެއް. އަޅުގަނޑުމެންގެ ސިފައިންނާއި އެސިފައިންގެ މައިންބަފައިންނަށާއި އަޅުގަނޑަށް ވެސް އަދި ހާއްސަކޮށް އެލޯ އާއި އޭނާގެ އާއިލާއަށް،" ނަތަންޔާހޫގެ ފޭސްބުކް ޕޯސްޓުގައިވެ އެވެ.
މާޗް މަހު ވެސް ބޮޑުވަޒީރު ވަނީ އަޒަރިއާގެ އާއިލާއަށް ފޯނުން ގުޅުއްވާ ހަމްދަރުދީ ފާޅުކުރައްވައިފަ އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ -- ފޮޓޯ: އޭއެފްޕީ
އިޒްރޭލުގެ ރައީސް ރެއުވެން ރިވްލިން ވަނީ މާފު ދިނުމާ ބެހޭ ގޮތުން ވަކި ގޮތެއް ނިންމާނީ ގާނޫނީ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމުން ކަމަށް ވިދާޅުވެފަ އެވެ.
ހުޅަނގު އައްސޭރީގެ ހިބްރޫންގައި ހިނގި އެ ހާދިސާގައި ޝަރީފް އާއި ފަލަސްތީނުގެ އެހެން ރައްޔިތެއް ކަމަށްވާ ރަމްޒީ އަޒީޒު އަލް ގަސްރާވީ ވަނީ އިސްރާއީލްގެ ސިފައިންގެ މީހަކަށް ވަޅިން ހަމަލާދީފަ އެވެ. އޭގެ ރައްދެއްގެ ގޮތުން އިސްރާއީލް ސިފައިން ދިން ހަމަލާގައި ގަސްރާވީ މަރުވެ، ޝަރީފް ވަރަށް ބޮޑަށް ޒަހަމްވި އެވެ.
އޭގެ އިރުކޮޅެއް ފަހުން ނަގާފައިވާ ވީޑިއޯއަކުން ފެނިގެންދަނީ ޒަހަމްވެފައިވާ ޝަރީފު ބިންމަތީގައި އެއްވެސް ހަތިޔާރަކާ ނުލައި އޮއްވައި، އަޒަރިއާ އޭނާގެ ބޮލަށް ބަޑިޖަހައި މަރާލާ މަންޒަރެވެ.
ކޯޓުގައި އަޒަރިއާ ބުނި ގޮތުގައި ޝަރީފްގެ ބޮލަށް އޭނާ ބަޑި ޖެހީ ޝަރީފްގެ ގައިގައި ބޮން ހަރުކޮށްފައިވާ ކަމަށް ހީކޮށެވެ. ނަމަވެސް ޝަރީފްގެ ބޮލަށް ބަޑިޖެހި ފަހުން އަޒަރިއާއާ ސުވާލު ކުރުމުން އޭނާ އެފަދައިން ބުނެފައި ނުވާ ކަމަށް ކޯޓުން ވަނީ ފާހަގަކޮށްފަ އެވެ.
އަދި އެހެން ސިފައިންގެ މީހަކާ ވާހަކަ ދައްކަމުން އަޒަރިއާ ވަނީ "އަހަރެންގެ އެކުވެރިޔާގެ ގަޔަށް ވަޅި ޖަހައި އޭނާ މަރާލަން މަސައްކަތް ކުރުމުން، (ޝަރީފް) މަރުވާން ޖެހޭ" ކަމަށް ބުނެފައި ކަމަށްވެސް ކޯޓުން ބުންޏެވެ. (ބީބީސީ)