ދަރިންނަކީ މާތްﷲ ހަވާލުކުރައްވާފައިވާ އަމާނާތެއް ކަމަށާއި، ދަރިންނާ މެދު ޣާފިލް ނުވުމަށް ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ހުތުބާގައި، ދަރީން ސްކޫލުތަކަށް ފޮނުވުމުން ތިމާގެ ވާޖިބު އަދާ ކުރެވުނީ ކަމަށް ނުބަލައި ކުދީންނަށް ސަމާލުވުމަށް ބެލެނިވެރީންނަށް ގޮވާލާފައި ވެއެވެ. އެގޮތުން އެ ކުދީންނަށް އިސްލާމީ ތަރުބިއްޔަތު ދީ ހެޔޮލަފާ ދަރިންގެ ގޮތުގައި ބޮޑުކޮށް މުޖުތަމައުއަށް ނެރުމަށް ޚުތުބާގައި ގޮވައިލެއްވިއެވެ. އަދި ނަމާދު ކުރުމަށާއި ގުރުއާން ކިޔެވުމަށް ހިތްވަރުދީ، ރިވެެތި އަހުލާގު ދަސްކޮށްދީ އެއަށް އަމަލު ކުރުމުގައި ނަމޫނާ ބަޔަކަށް ވުމަށް ބެލެނިވެރިންނަށް އިލްތިމާސް ކުރެއްވި އެވެ.

މިއަދުގެ ޚުތުބާގައި، ތައުލީމާއި ތަރުބިއްޔަތު ދިނުމުގައި މުހިއްމު ދެ މަރުހަލާއެއް ވާކަން ފާހަގަކޮށްފައި ވެއެވެ. އެގޮތުން ފުރަަތަމަ މަރުހަލާއަކީ ތުއްތު ކުދީން މަދަރުސާއަށް ދާންފެށުމުގެ ކުރީންސުރެ ފަށާ ތައުލީމުގެ އަހަރުތައް ނިމުމާއި ދޭތެރޭގައި ހިނގާ އަހަރުތައް ކަމަށާއި، އެ މަރުހަލާއަކީ އެކުދީންގެ ޝަހްސިއްޔަތުގެ ބިންގާ އެޅޭ ދުވަސްވަރު ކަމަށް ހުތުބާގައިވެއެވެ. އަދި އެ މަރުހަލާގައި ކުދިންގެ ސިކުނޑިއަށް ވަކިގޮތްތަކެއް ވިސްނައިދީ އެ ގޮތްތައް އެކުދިންގެ ގައިގައި އަށަގެންނެވުން އަވަސްކޮށްފި ނަމަ އެގޮތަކަށް ހޭނި، އެ ގޮތްތަކަކީ ރަނގަޅުގޮތްތަކެއް ކަމުގައި ބަލައިގަތުން ގާތްވާނެ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގެ ދެވަނަ މަރުހަލާއަކީ އެކުދީން ބޮޑެތިވަމުން އައިސް ޒުވާން ދުވަސްވަރާ ކުރިމަތިިލާ އަހަރުތައް ކަމަށާއި، އެ މަރުހަލާގައި ދުނިޔޭގެ ކަންތައްތަކާއި ފެންނަ މަންޒަރުތަކާމެދު ފިކުރުކުރަން ފަށާ ދުވަސް ވަރު ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެެވެ. އެހެންކަމުން އެ މަރުހަލާގައި އެކުދީންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ހަރުދަނާ ޖަބާބެއް ހޯދައިދޭން ޖެހޭނެ ކަމަށް ޚުތުބާގައިވެއެވެ.

އެ މަރުހަލާގައި އެކުދިންގެ ބަތަލުންގެ ގޮތުގައި ގެންގުޅޭ ޣައިރު މުސްލިމުންނާއި މުސްލިމުންނާ ހުރިތަފާތު ބަޔާންކޮށްދީ، އިސްލާމީ ތާރީހުގައި ފާހަގަކޮށްލެވޭ އެކިއެކި ޒުވާން އަބްޠާލުންގެ ހިތްވަރު ގަދަކަމާއި ހޯދާފައިވާ ކާމިޔާބީތައް ބަޔާންކޮށްދިނުމަކީ މުހިއްމު ކަމެއްކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށް ހުތުބާގައި ބުންޏެވެ.

މިއަދުގެ ހުތުބާގައި އިސްލާމްދީނުގެ އިރުޝާދުތަކުގެ އަލީގައި ކުއްޖާ ތަރުބިއްޔަތު ކުރުމަށްވެސް ގޮވާލާފައިވެއެވެ. އަދި ރަނގަޅު ގޮތުގައި ތަރުބިއްޔަތު ނުކުރެވިއްޖެ ނަމަ ނުރަނގަޅު ނަތީޖާއެއް ނުކުމެދާނެ ކަމަށް ހުތުބާގައި ބުންޏެވެ. އަދި ކުދިން ތަރުބިއްޔަތު ކުރުމުގައި އެންމެ ކާމިޔާބު ވަސީލަތަކީ ރީތި ނަމޫނާ ދައްކައިގެން ތަރުބިއްޔަތު ކުރުން ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

ސްކޫލު ދަރިވަރުން އާ ހިތްވަރަކާއި އާ އަޒުމަކާއެކު ދިރާސީ އާ އަހަރަށް ކުރިމަތިލައި ކުރީ އަހަރަށްވުރެ ނަތީޖާ ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް ހުތުބާގައި ގޮވާލެއްވި އެވެ. އަދި ޖަމާއަތުގައި ނަމާދުކޮށް ކީރިތި ގުރުއާން ކިޔަވައި ބޭކާރު ގޮތުގައި ވަގުތު ހޭދަ ނުކުރުމަށް ގޮވާލެއްވި އެވެ.