05 Jan 2017, 10:24
އަންހެނުންގެ އަގު ވަޒަންކުރުމަށް ޖެންޑާ މިނިސްޓްރީން ދެމުން އަންނަ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީން ގެޒެޓްގައި އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ، އަންހެނުންގެ އަގު ވަޒަންކުރުމަށް "ރެހެންދި އެވޯޑު"ގެ ނަމުގައި، ޖެންޑާ މިނިސްޓްރީން ކޮންމެ އަހަރަކު ދޭގޮތަށް ހަމަޖެހިފައިވާ އެވޯޑަށް ނަން ހުށަހެޅުމަށް ކުރިން ކަނޑައެޅި ތާރީހުގެ މުއްދަތު މިމަހު 16 ވާ ހޯމަ ދުވަހުގެ 14:00 އަށް އިތުރު ކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން އެ އެވޯޑަށް ނަން ހުށަހެޅުމަށް އޮތީ މިމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ.
ޖެންޑާ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލަ އަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތެއްގެ ނަން ހުށަހެޅުމުގެ ފުރުސަތުގެ އިތުރުން މުއައްސަސާތަކާއި އޮފީސް އަދި ކުންފުނިތަކަށް އެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކާއި ޝަރުތުތައް އެކުލެވޭ ލިޔުން އަދި އެޕްލިކޭޝަން ފޯމް އެ މިނިސްޓްރީން ލިބެން ހުންނާނެ ކަމަށާއި އެ އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.
ރާއްޖޭގެ ގައުމީ ތަރައްގީއާއި ލަބަޔާއި މަންފާ ލިބިދޭފަދަ އަގުހުރި ހިދުމަތް ކޮށްދެއްވާފައިވާ އަންހެނުންނަށްދޭ ރެހެންދި އެވޯޑު ފުރަތަމަ ދީފައި ވަނީ 2014 ވަނަ އަހަރުގަ އެވެ. އެ އަހަރު އެ އެވޯޑު ހާސިލް ކޮށްފައިވަނީ ރާއްޖޭގެ މޮޅު ކެއްކުންތެރިޔާ ޖުވޭރިޔާ ވަޖުދީ އާއި މޮޅު ކޭކު އެޅުންތެރިޔާ އާމިނަތު ނަޝީދާ އެވެ.
ރެހެންދި އެވޯޑު 2015 ވަނަ އަހަރު ކާމިޔާބުކޮށްފައި ވާނީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ އާއި، ފުޅާ ދާއިރާއެއްގައި ދަނޑުވެރި ކަމުގެ މަސައްކަތް ކުރަމުން އަންނަ އއ. ތޮއްޑޫ، ގަމީރާ އާދަމް އެވެ. އަދި 2016 ވަނަ އަހަރު އެ އެވޯޑު ނުވަ ފަރާތަކުން ވަނީ ހޯދާފަ އެވެ.
އެ އެވޯޑު ދެމުން އަންނަނީ ކޮންމެ އަހަރަކު ވެސް މާޗު އަށެއްގައި ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހު އެވެ.