05 Jan 2017, 10:17
އަންނަ ހޯމަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު ވިއްކުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
އެމްއެމްއޭގެ ތަރުޖަމާނަކު މިއަދު "ސަން" އަށް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަންނަ އާދީއްތަ ދުވަހުން ފެށިގެން އެއާޕޯޓްގައި ޑޮލަރު ވިއްކަން ނިންމާފައިވީ ނަމަވެސް، މިމަހުގެ ނުވަ ވަނަ ދުވަސް، ހޯމަ ދުވަހުގެ ނިޔަލަށް އެމްއެމްއޭ އިން ވެސް ޑޮލަރު ވިއްކާނެ ކަމަށެވެ.
ހޯމަ ދުވަހުގެ ނިޔަލަށް ޑޮލަރު ވިއްކަނީ އެދުވަހުގެ ނިޔަލަށް ފުރާ ފަރާތްތަކަށެވެ.
އެމްއެމްއޭގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެގޮތަށް ނިންމީ ރައްޔިތުންނަށް ފަސޭހައަކަށް އަދި ޑޮލަރު ވިއްކުމާ ބީއެމްއެލް ހަވާލުވާ މަރުހަލާ ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އެމްއެމްއޭ އިން ވިއްކާނީ ކުރިން ވެސް ވިއްކަމުން އައި ފަދައިން ފުރާ ކޮންމެ މީހަކަށް 500 ޑޮލަރުގެ ރޭޓުންނެވެ.
ބީއެމްއެލް އިން އެއާޕޯޓްގައި ކޮންމެ ޓިކެޓަކަށް 500 ޑޮލަރު ވިއްކާއިރު ބީއެމްއެލް ވެބްސައިޓުން އޮންލައިންކޮށް ނުވަތަ ބީއެމްއެލް ބުރާންޗަކަށް ފައިސާ ދެއްކުމުން ބޭރަށް ފުރުމަށް ޗެކިންވުމަށް ފަހު އެއާޕޯޓުގައި ހުންނަ ބީއެމްއެލް ކައުންޓަރަކުން ޑޮލަރު ދޫކުރާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ރާއްޖޭގެ އެހެން އިންޓަނޭޝަނަލް އެއާޕޯޓަކުން ދަތުރުކުރާ ނަމަ، އެއާޕޯޓާ އެންމެ ކައިރި ބްރާންޗަކަށް ދިޔުމުން ޑޮލަރު ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
އޮންލައިންކޮށް ޑޮލަރު ގަތުމަށް ޕޯޓަލް ބޭނުންކުރާނެގޮތް:
ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓަށް ވަދެ އޮންލައިން ޕޯޓަލްއަށް ލޮގްއިން ވާށެވެ.
- ދަތުރުކުރާ ފަރާތްތަކުގެ މައުލޫމާތާއި ޕާސްޕޯޓް ނަންބަރު އަދި ފްލައިޓްގެ މައުލޫމާތު ޕޯޓަލްއަށް އެންޓަރކުރާށެވެ. (އެއް ބުކިންގްއެއްގައި ހިމެނޭނީ ގިނަވެގެން 5 ދަތުރުވެރިން)
- ބީއެމްއެލްގެ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު ގަތުމަށް ފައިސާ ދައްކާށެވެ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ ޓާމިނަލްގެ ގޭޓް 4ގެ ކުރިމަތީގައި އަލަށް ހަދާފައިވާ ބޭންކްގެ ކައުންޓަރުތަކަށް ޓްރެވަލް ޑޮކިއުމެންޓްތައް ހުށަހެޅުމުން ޑޮލަރު ލިބޭނެ އެވެ.
ބީއެމްއެލް އިން އެއާޕޯޓްގައި ޑޮލަރު ވިއްކަން ފަށާފައިވާ އިރު އެ ކުންފުންޏަށް ޑޮލަރު ފޯރުކޮށް ދޭނީ އެމްއެމްއޭ އިންނެވެ.