އަބިޖާން(ޖަނަވަރީ 5): ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގެންބިޔާގެ ރައީސް ޔަހްޔާ ޖާމިއު ގަދަބާރުން ވެރިކަމުގައި ހުންނެވުމަށް ކުރައްވާ މަސައްކަތްތަކަށް ތާއީދު ކުރައްވާކަން އެގައުމުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އުޘްމާން ބަދްޖީ ހާމަކުރައްވައިފިއެވެ.

ޖެނެރަލް އުޘްމާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރައީސް ޔަހްޔާ ޖާމިއު ވެރިކަމުގައި ހުންނަވަން ބޭނުންފުޅުވާ މުއްދަތަކަށް ވެރިކަމުގައި ބެހެއްޓުމަށް އޭނާއާއި ގެންބިޔާގެ ސިފައިންގެ ލަޝްކަރުތަކުގެ ތާއީދު އޮންނާނެ ކަމުގައެވެ. ގެންބިޔާގެ ރައީސް ޔަހްޔާ ޖާމިއު ގެ ރިޔާސީ މުއްދަތު ހަމަވާނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ގެންބިޔާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔަހްޔާ ވަނީ ނާކާމިޔާބުވެ ވަޑައިގެން ބަލިގަބޫލުކުރައްވާފައެވެ. ނަމަވެސް ބަލި ގަބޫލުކުރެއްވިތާ އެއްހަފްތާ ފަހުން އޭނާވަނީ އިންތިޚާބުގެ ނަތީޖާ ވަނީ އޮޅުވާލާފައި ކަން ބަޔާން ކުރައްވައި ބަލި ގަބޫލުނުކުރައްވާކަމަށް އަލުން ވިދާޅުވެފައެވެ.

މިއާއެކު ގެންބިޔާވަނީ ގޮތްނޭންގޭ ސިޔާސީ ހަމަނުޖެހުން ގަނޑެއްގެ ތެރެއަށް ވެއްޓިފައެވެ. ގެންބިޔާގެ ރައީސް ޔަހްޔާ ޖާމިއު އެގައުމުގައި ހަރުކަށި ވެރިކަމެއް ކުރައްވަމުން ގެންދަވާތާ ވަނީ 22 އަހަރު ވެފައެވެ. އޭނާވަނީ 500 އަހަރު ވެރިކަން ކުރެއްވުމަށް އަޒުމް ކަނޑައެޅުއްވިކަން ކުރިން އިޢުލާން ކުރައްވާފައެވެ.

ގެންބިޔާއަކީ ހުޅަނގު އެފްރިކާގެ ވަރަށް ކުޑަ އަދި ވަރަށް ފަގީރު ގައުމެކެވެ. ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ސަރަހައްދީ ޖަމްޢިއްޔާ (އީކުވާސް) އިންވަނީ ރައީސް ޔަހްޔާ ޖާމިއު މަގާމުން ދުރުކުރުމަށްޓަކައި އެޖަމްއިއްޔާގެ ގައުމުތަކުގެ ސިފައިން ހިމެނޭ ބޮޑު ލަޝްކަރެއް ގެންބިޔާއަށް ވަނުމަށް ތައްޔާރުވަމުންދާކަމުގެ އިންޒާރު ދީފައެވެ. އީކުވާސް ގެ ގައުމުތަކުގެ ލަޝްކަރެއް ގެންބިޔާއަށް ވަދެފިނަމަ އެލަޝްކަރުގެ ކުރިމަތީގައި ގެންބިޔާގެ ކުޑަ ލަޝްކަރަށް ރައީސް ޔަހްޔާ ދިފާއު ނުކުރެވޭނެ ކަމަށް ތަޖްރިބާކާރުން ބުނެއެވެ.

އީކުވާސްގެ ގައުމުތަކުން މީގެކުރިންވެސްވަނީ އެސަރަހައްދުގެ ގައުމުތަކުގައި ހިނގާ މިބާވަތުގެ ކަންކަން ނިމުމަކަށް ގެނައުމަށްޓަކައި އަސްކަރީ ފިޔަވަޅުތައް އަޅައިގެން ކާމިޔާބީތަކެއް ހޯދާފައެވެ.

ގެންބިޔާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވުނަސް ބަލި ގަބޫލުނުކުރައްވާކަމަށް ރައީސް ޔަހްޔާ ވިދާޅުވެ ގެންބިޔާގެ އިލެންޝަން ކޮމިޝަނަށް ފިއްތުންތައް ކުރިމަތި ކުރަން ފެށުމުން އިލެންޝަން ކޮމިޝަނަރު ވަނީ ފިއްލަވާފައެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާވަނީ ސިއްރިޔާތުގައި ގައުމުން ބޭރަށް ވަޑައިގެންފައެވެ. (ރޮއިޓާސް)